ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލު ދޭނީ، މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ހޯދައި ހައްޔަރުކުރުކޮށް، ހެކި ހޯދުމަށް ފުލުހުން އަންނަނީ އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިއަދު ވެސް ފުލުހުން ވަނީ ބައެއް ތަންތަން ބަލައި ފާސްކޮށްފައެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ، ތުހުމަތު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.