އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަށް އިދިކޮޅުން ގޮވާލައިފި

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން، ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން، އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައު ތެދުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އެކޯލިޝަނުން މިހެން ގޮވާލާފައިވަނީ، މަސްޖިދުލް އަޤްސާގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލްގެ އަނިޔާވެރި ފުލުހުން ދިން ހަމަލާތައް، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. 

އެގޮތުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތް ކަމުގައިވާ އަގްސާ މިސްކިތައް އިސްރާއީލުން ހަމަލާ ދިނުމަކީ ބިރުވެރި ކަމެއް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.  

އިސްރާއީލުން ޔޫއެންގެ ގާނޫނުތަކާ ހިލާފަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖްތަމައު އިން ތެދުވުމަށާއި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލާނެ ކަަމަށްވެސް ވަނީ ބުނެފައެވެ. 

އަޤްސާ މިސްކިތުގައި އަޅުކަން ކުރަން ތިބި މީހުންނަށް އިސްރާއީލްގެ ފުލުހުން ހަަަމަލާ ދީފައިވަނީ ހުކުރު ދުވަހު، އަސުރު ނަމާަދަށްފަހުގައެވެ. އެހަމަލާތަކުގައި 178 މީހުން ޒަހަމްވިއެވެ.