ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އާންމުކޮށް، ހަަމަލާ ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު އާންމުކޮށްފިއެެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދެއްކި ވީޑިއޯ އިން ރައީސް ނަޝީދު ބޮޑީގާޑުންނާއެކު ހިންގަވާފައި ކާރުކޮޅާއި އަރާ ހަމަވާއިރަށް، އެތަނުގައި ހުރި ސައިކަލުގައި ހަރުކޮށްފައިވާ ޑިވައިސް ގޮއްވާލާ މަންޒަރު ފެނެއެވެ.
މި ހާދިސާ ހިނގިއިރު އެތަނުގައި އާންމުން ވެސް ތިބި މަންޒަރު ވީޑިއޯ އިން ފެނެއެވެ. ފުލުހުން ވަނީ އެ ސަރަހައްދުން އެއްވެސް ޝައްކު ކުރެވޭ ކަހަލަ އަމަލެއް ކުރަނިކޮށް ފެނުނު ނަމަވެސް އެކަން ހިއްސާކޮށްދިނުމަށް އެދިފައެވެ.
ހަމަލާއާ ގުޅިގެން މިއަދު ހައްޔަރުކުރި މީހުންގެ ވަަނަވަރު ފުލުުހުން ވަނީ އާންމު ކޮށްފައެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަކީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާއެވެ.
މީގެ އިތުރުން ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ހޯދަން ބޭނުންވާ އިތުރު މީހެއްގެ މައުލޫމާތުވެސް އާންމުކޮށްފައެވެ. އެގޮތުން އޭނާ އަކީ މި މައްސަލައިގެ ތަހުގީގަށް މިހާރު އެންމެ ބޮޑަށް ހޯދަން ބޭނުންވާ މީހާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާއިމް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ނަޝީދު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ.