ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޓެރަރިސްޓް ހަމަލާ ދިނުމަށް ގޮވާލި މީހާ ހައްޔަރު ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި، މީހަކު ވަނީ ރައީސް ޔާމީނަށް ބޮމުގެ ހަމަލާއެއް ދިނުމަށް ހިތްވަރުދޭ ފަދަ މޭރުމަކުން ޕޯސްޓެއް ކޮށްފައެވެ. މި މައްސަލަ ބަލައި، ރައީސް ޔާމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.
ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރުދީ، އެޕޯސްޓު ކުރިތާ 24 ގަޑިއިރުވީއިރުވެސް، އެމައްސަލަ ބަލާފައިނުވާތީ، މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވަނީ، އެ މީހާ ހައްޔަރު ކުރަން ނުކެރިގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފައެވެ.
"ލާދީނީ އެމްޑީއެން މީހަކަށް ރައީސް ޔާމީން ނުވީމަބާ؟ މިއަދު އަޅާ ނުލިޔަސް، އަދި ޖަވާބު ދޭން ޖެހޭނެކަން ހަނދާނުގައި ބަަހައްޓާތި" ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ޓެގް ކުރައްވައި މޮސްޓާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ވާނެ ހަަމަލާއެއް ދިނުމަށް ހިތްވަރުދިން މައްސަލައިގައި އެެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، ޗެނަލް13ގެ ޕްރޮގްރާމެއްގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި "ރޯކޮށްލަންވީ ކަމަށް" ބުނި މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.