ސައީދު އެމްޑީޕީއަށް: ޕީޖީ ވަކި ކުރާކަށް ނުކެރޭނެ

ދިވެހިރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގެ ނަމުގައި ހިންގި ބޮޑު ކޮރަޕްޝަނުގައި ބައިވެރިވި މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވި މައްސަލައާއި ގުޅިގެން، ޕީޖީ ހުސައިން ޝަމީމް މަޤާމުން ވަކި ކުރުމަކީ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ކުރެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ހިޔާނާތާއި ގުޅިގެން، ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރެވެން ނެތީ، ކުށުގެ އުންސުރު ފުރިހަމަ ނުވާތީ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ. މިކަމާއި ކަންބޮޑުވުންފާޅުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޕީޖީ ފެއިލްވެފައިވާ ކަމަށާއި މަޤާމުން އިސްތިއުފާދެއްވަންވެސް ޖެހޭ ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި، ޕީޖީގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ޖެހިދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދުގެ މިވާހަކަފުޅުތަކާއި ގުޅިގެން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މިރޭ ކުރެއްވި ޓްވީޓެއްގައި  ވަނީ، މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އެމްޑީޕީން އަރުވާ ސައިބޯނި ބޮތްކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"އިންތިޚާބު ގާތްވުމުން ސައިބޯނި ބޮކި އެރުވިޔަސް، ޕީޖީގެ އިތުބާރު ނެތް ކަމަށް ކަނޑައަޅުމުގެ ހިތްވަރެއް އެމްޑީޕީގެ ނުހުންނާނެ" ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ވެންޓިލޭޓަރުގެ ހިޔާނާތުގައި ސަރުކާރުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީ ސަރުކާރާއެކު އޮންނަން ބޭނުން ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެމަނިކުފާނުގެ މި ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.