ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން، އޭއެފްސީ މެޗެއް ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ އިއްޔެ ހަވީރު މާލެ އަތުވެއްޖެއެވެ.
ބެންގަލޫރު އެފްސީ ޓީމުގެ މެމްބަރުން މާލެ އައިސް ތިބެނީ، އިންޑިއާ އެމްބަސީ ކުރިމަތީ ހުންނަ ހޮޓެލް ޖެންގައެވެ.
ޚާއްސަ ހުއްދައެއްގެ ދަށުން ބެންގަލޫރު އެފްސީ ރާއްޖެ އައިސް އެއާޕޯޓުން ހޮޓެލް ޖެންއަށް ދިޔައީ އެމްޕީއެލްގެ ބަހެއްގައެވެ. ޓީމުގެ ގިނަ ކުޅުންތެރިންނާ އޮފިޝަލުން ބަހުން ފޭބީ ޕީޕީއީގައެވެ.
ކަމާބެހޭ ފަރާތްތަކުން ކުރިން ބުނެފައި އޮތީ، އެ ޓީމުން ރާއްޖެ އަންނަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަަވަޅެއް އަޅައިގެންކަން ކަށަވަރު ކުރާނެ ކަމަށެވެ.
ނަމަވެސް ބައެއް ކުޅުންތެރިން، އެތައްއިރަކު މާސްކު ނާޅާ އުޅުމަށްފަހުގައި، ބަހުން ފައިބަމުން މާސްކު އެޅި މަންޒަރު ބައެއް މީހުންނަށް ވަނީ ފެނިފައެވެ
މުޅި ދުނިޔޭގައިވެސް ކޯވިޑް-19ގެ ކޭސްތައް އެންމެ ބޮޑަށް އިތުރުވެފައިވާ އިންޑިއާގެ ޓީމެއް ރާއްޖެ އައިސްފައިވާއިރު، މިއީ ކަންބޮޑުވާ ކަމެއް ކަމަށް ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު ވަަރަށް ބޮޑަށް އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު، މިވަގުތަށް އިންޑިއާގެ ފްލައިޓްތައް މެދުކަނޑާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.