ރައީސް މުހައްމަދު ނަޝީދަަށް ދިން ހަމަލާގެ ތަހުގީގު ނިމެންދެން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރަސްމީ މަސައްކަތުން އެކަހެރި ކުރަން ޖެހޭ ކަމަށް، ނިމިދިޔަ ކައުންސިލް އިންތިޚާބުގައި، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ލަތީފު މިހެން ވިދާޅުވީ އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދަކީ ޓެރަރިޒަމްގެ ހަމަލާތަކަށް "ހައި ރިސްކު"ގައި ހުންނެވި ބޭފުޅެއްކަން ސަލާމަތީ ބާރުތަކަށް އެނގޭއިރު، އެމަނިކުފާނަށް ހަމަލާއެއް އަތުވެދާނެކަމުގެ އެއްވެސް ހިލަމެއް، ޕޮލިސް އިންޓެލިޖެންސަށް ނުވީތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ މި ދަނޑިވަޅުގައި ލަތީފު ވިދާޅުވީ، ރައީސް ނަޝީދާ ގުޅޭގޮތުން މީގެ ކުރިން މިނިސްޓަރު އިމްރާން ދައްކަވާފައި ހުރި ވާހަކަތަކަށް ބަލަން ޖެހޭ ކަމަށެވެ.
"މޭޑޭގައި ފުލުހުންނަށް ހަމަލާ ދިނުމަކީވެސް އިމްރާންގެ ފިތުނައިގެ ނަތީޖާ" ލަތީފު ވިދާޅުވިއެެވެ.
ބުރާސްފަތި ދުވަހުގެ ރޭ، ރައީސް ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން، ކާރަށް އަރާވަޑައިގަންނަވަނިކޮށް، އައިއީޑީއެއް ގޮއްވާލައި، އެމަނިކުފާނަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ދެމީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ދެމީހުންގެ ވަނަވަރު އިއްޔެ ފުލުހުން ވަނީ އާންމުވެސް ކޮށްފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ހަރުކަށި ފިކުރާ ގުޅުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.
ރައީސް ނަޝީދަށް ފަރުވާ ދިނުމަށްޓަކައި ހަތަރު ސާޖަރީއެއް ކޮށްފައިވާއިރު، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ފޮޓޯ: ޕީއެސްއެމް