ދިވެހިރާއްޖޭގައި ކޯވިޑް-19 ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 230އަށް އަރައިފިއެވެ.
މިއީ ރިކޯޑް އަދަދެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން މިރޭ އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ފާއިތުވި 24 ގަޑިއިރު، އިތުރު 509 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް ހާލަތު ވަަރަށް ގޯހެވެ. އިއްޔެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ގޮސްފައިވަނީ 205 މީހަކަށެވެ. އިއްޔެ އިތުރު، 25 މީހަކު ވަނީ އެޑްމިޓް ކޮށްފައެވެ.
ރާއްޖެއިން އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު، ފާއިތުވި 48 ގަޑިއިރުތެރޭގައި ކޯވިޑް ޖެހިގެން 9 މީހަކު ވަނީ ނިޔާވެފައެވެ.
އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ އާ ވޭރިއަންޓެއް އުޅޭ ކަމެއް ބެލެވޭ ކަމަށެވެ. އެއީ ކޮންވޭރިއަންޓެއްކަން ޔަގީން ކުރެވޭނީ ޖެނެޓިކް އެނަލިސިސް އެއް ހަދައިގެން ކަމަށްވެސް ވިދާޅުވިއެވެ.