ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ދިން ރޭގައި، އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަމާގުޅުންހުރި ފަރާތްތައް ފެއިލްވި ގޮތް ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
އެކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަކީ، ގާނޫނު އަސާސީގެ 24 ވަނަ މާއްދާގެ ދަށުން އެކޮމިޓީގެ ޒިންމާއެއް ކަމަށެވެ.
އެގޮތުން ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ރައީސް ނަޝީދަށް ހަމަލާ ދިން ރޭގައި، އެމަނިކުފާނަށް ދެމުން އައި ސެކިއުރިޓީ ބްރީޗް ވި ގޮތް ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ކޮމެޓީން ނެރުނު ބަޔާނުގައިވެއެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނީ ބުރާސްފަތި ދުވަހުގެ ރޭ 8:25 ހާއިރުއެވެ. އެރޭ ދަންވަރު 00:15ގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ރިޔާއަތްކޮށް، ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ސީރިއަސް، އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން ވަނީ އެދިފައެެވެ.
އަދި މި މައްސަލައިގެ ތަހުގީގަށް ބޭރުގެ ފަންނީ މީހުންގެ އެހީތެރިކަން ހޯދުމަށްވެސް ގޮވާލިއެވެެ.
ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ބެލުމަށް އޮސްޓްރޭލިޔާގެ ފުލުހުންގެ ޓީމެއް ވަނީ ރާއްޖެ ގެނެސްފައެވެ.
އެ މައްސަލައިގައި މިހާތަަނަށް ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު، މިހާރު ހޯދަމުންދަނީ ޕްރައިމް ސަސްޕެކްޓެވެ. އޭނާގެ ފޮޓޯ އާންމުކޮށްފައިވާއިރު، އެކަމުގައި މުޅި ގައުމުގެ އެހީތެރިކަން ބޭނުންވާ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.