އެހެން މީހުންގެ ދަރިންނާ ގުޅޭގޮތުން މި ވާހަކަތައް ނުދައްކާތި

ބެލެނިވެރިންނަކީ އެހެން މީހުންގެ ދުލުން، ދަރިންނާއި ގުޅޭގޮތުން އެކި ވާހަކަތައް އަޑުއަހަން ޖެހޭ ބައެކެވެ. 

ބައެއް ފަހަރު އިވޭ ވާހަކައަކީ، ޕޮޒިޓިވް ކޮމެންޓަކަށް ވާއިރު، އަނެއްބައި ފަަހަރު ނެގެޓިވް ކޮމެންޓްތައްވެސް އަޑު އަހަން ޖެހެއެވެ. 

މިވާހަކަތައް ހުރިހާ ދިމާލަކުންވެސް އާދެއެވެ. އާއިލާގެ ތެރެއިންނާއި، ރައްޓެހިންގެ ފަރާތުންނެވެ. ނޫންނަމަ ޓީޗަރުންގެ ފަރާތުންނެވެ. 

ބައެއް  ފަހަރު، ސަމާސާއަކަށް ހަދާފައި، ތިބާގެ ދަރިފުޅު ނުވަތަ ދަރިންނާއި ބެހޭގޮތުން މީހަކު ބުނާ އެއްޗަކުން ދެރަވާ ފަހަރު އާދޭ ހެއްޔެވެ؟ ތިޔައީ ގިނަ މައިންބަފައިންނަށް ކުރިމަތިވެފައިވާނެ ކަމެކެވެ. 

ގިނަ ފަހަރު އެހެން މީހުންގެ ދަރިންނާއި ގުޅޭގޮތުން އެފަދަ އަޑު އަހަން އުނދަގޫ ބަސްތައް ބައެއް މީހުންނަށް ބުނެވެނީ ގަސްތުގައެއް ނޫނެވެ. އަނެކާއަށް އެކަން ނަގައިގަނެވޭ ގޮތް، އެ ބަސް ބުނާ މީހާއަށް ނޭނގެނީއެވެ. 
މި ލިޔުމުގައި މި ދެނީ ނަސޭހަތެކެވެ. ތިބާ، އެހެން މީހުންގެ ދަރިންނަށް ނިސްބަތްކޮށް ބުނެގެން ނުވާނެ ބައެއް ވާހަކަތަކެވެ. 

ކުއްޖާގެ ހަމުގެ ކުލައަށް ފާޑު ކިޔުން:

ރައްޓެއްސެއްގެ ދަރިއަކު ފެނުމުން "ހާދަ ކަޅޭދޯ. ހަމަ ބައްޕަ ގޮތަށް ދޯ!" މިފަދައިން ބުނެލުމަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ވިސްނާ ނުލާ ކުރެވޭ ކަމެކެވެ. މިފަދަ ކޮމެންޓެއް ކުރުމުން، އެ އަޑުއަހަން ހުންނަ މަންމަ ނުވަތަ ބައްޕައަށް ކޮށްފާނެ އަސަރަކާއިމެދު ވިސްނާވެސް ނުލައެވެ. 

ކުއްޖާގެ ބަރުދަނާމެދު ވާހަކަ ދެއްކުން:

ކުޑަ ކުއްޖަކު ފެންނައިރަށް "ހާދަ ފަލައޭ، ހާދަ ހިއްކޭ، ކާން ނުދެނީހޭ؟" މިފަދަ ސުވާލެެއް، މަޖަލަަކަށް ނަަމަވެސް ނުކުރާށެވެ. މިއީ އެއްްވެސް ކުއްޖެއްގެ މަންމައަކު ނުވަތަ ބައްޕައަކު އަޑު އަހަން ބޭނުންވާނެ އެއްޗެއް ނޫނެވެ. އެއްވެސް ބެލެނިވެރިޔަކު، ދަރިފުޅަށް ގަސްތުގައި ކާން ނުދީ ނުހުންނާނެއެވެ.

ނުކާން އުޅޭ ކުއްޖެއް ނަަމަވެސް، ކާންދެވޭތޯ މަސައްކަތް ކުރާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ދެން އޮތީ ފަލަ ވުމެވެ. ކުއްޖަކު ފަލަވިޔަސް، ހާދަ ފަލައޭވެސް ނުބުނާށެވެ. މަންމައަކު އޭނާގެ ދަރިއަކަށް ގިނައިން ކާން ދިނުމަކީ، ތިބާ އެކަމާ ބެހެން ޖެހޭ ކަމެއްވެސް ނޫންތާއެވެ!

ކުއްޖާގެ އުޅުމަށް ފާޑުކިޔުން: 

އެއްވެސް ދެކުއްޖެއްގެ މިޒާޖު އެއްގޮތެއް ނުވާނެއެވެ. ވަަރަށް މަޑުން ތިބޭ ކުދިންނާއި، ވަަރަށް ހަލަނި ކުދިން އުޅޭނެއެވެ. ދެ މިޒާޖުގެ ކުދިންގެ އުޅުމާމެދުވެސް މައިންބަފައިން ކުރިމަތީގައި ވާހަކަ ދެއްކުމަކީ، މައިންބަފައިން ގަޔާވާނެ ކަމެއް ނޫންކަން ހަނދާނުގައި ބަހައްޓާށެވެ.