ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީން ކަަމަށް ވިދާޅުވާން ކެރިވަޑައިގަތީ ރައީސް ޔާމީނަށް އެކަނި: އައްބާސް

ދިވެހިރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް، އަމިއްލަ ކަންކަން ނިންމުމުގެ ބާރު ދިވެހީންނަށް ލިބިގެންވާ ކަަމަށް ފާޅުގައި ވިދާޅުވާން ކެރިވަޑައިގެންނެވި ހަމައެކަނި ވެރިޔަކީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް، ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.

ޗެނަލް13އިން ރޭ ގެެނެސްދިން ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އައްބާސް ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި، ދިވެހީންގެ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު، ދިވެހީންނަށް އޮތް ކަަމަށް ރައީސް ޔާމީން، އަބަދުވެސް ފާޅުގައި ވިދާޅުވަމުން ގެންދެވި ކަަމަށެވެ. 

މި ގައުމުގައި އޮންނާނީ އިސްލާމް ދީން ކަމަށާއި، ބޭރުގެ އެހެން ގައުމަކަށް ނުވަތަ ޖަމުއިއްޔާއަކަށް ދިވެހީންގެ ދާހިލީ ކަންކަމާ ނުބެހެވޭނެކަމަށްވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިކަން އައްބާސް ފާހަަގަކުރެއްވިއެެވެ. 
ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، ނުހައްގުން ކަމަށް ދެކެވަޑައިގަންނަވާ ސަބަބުތައްވެސް އޭނާ ވިދާޅުވެދެއްވިއެވެ. 

ފެހި ގާނޫނު އަސާސީގެ ދަށުން، ރާއްޖޭގައި ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ރައީސްގެ ވެރިކަމުގައި، ރައްޔިތުންނަށް ދަތިވެފައިވާ މައްސަލަތައް ހައްލު ކުރެއްވުމުގައި، އިންގިލާބީ ބަދަލުތަކެއް، ގެެނެސްދެއްވުމަކީ، ރައީސް ޔާމީންގެ ވާދަވެރިންނަށް ދެކެން ފަސޭހަވި މަންޒަރުތަކެއް ނޫން ކަމަށް އައްބާސް ވިދާޅުވިއެވެ.  

ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް، ރައީސް ޔާމީންގެ ހަޔާތްޕުޅުގެ ބޮޑު ބައެއް، ގައުމަށް ހިދުމަތް ކުރެއްވުމުގައި ހޭދަކުރެއްވިކަމަށް ވިދާޅުވެ، އައްބާސް ވަނީ ބައެއް މިސާލުތަކަށް އަލިއަޅުވާލައްވައިފައެވެ. 

އެގޮތުން، ރައީސް ޔާމީން އަހްމަދިއްޔާ ސްކޫލް ހިންގެވިއިރު، އެއީ ރާއްޖޭގެ އެއްވަނަ ސްކޫލަކަށް ހައްދަވައިދެއްވި ކަމަށާއި، އެސްޓީއޯއާއި ސްޓެލްކޯގެ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވިއިރު، އެ ދެ ކުންފުންޏަކީވެސް، އެއްވަނަ ކުންފުނިތަކަށް ހެއްދެވިކަންވެސް ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރައީސް ޔާމީން އަތްލެއްވި ކޮންމެ އެއްޗެއް ވަނީ ރަނަށް ހައްދަަވައި ދެއްވާފައި" އައްބާސް ވިދާޅުވިއެެވެ. 

ރައީސް ޔާމީންއަށް އިންސާފު ނުލިބޭ މައްސަލައިގައި އައްބާސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ވަަރަށް ބޮޑަށް އޮތް ކަމަށާއި، ރައީސް ޔާމީނަށް އިންސާފު ލިބެން ސަރުކާރުން ބޭނުން ނުވާ ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ. 

ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަކީ އިންސާފުން ބޭރުން ކުރި ނުހައްގު ހުކުމެއް ކަމަށް ގަބޫލު ކުރައްވާ ބައެއް ސަބަބުތައް އިތުރަށް ތަފްސީލުކޮށްދެއްވަމުން އައްބާސް ވިދާޅުވީ، އެމަނިކުފާނުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމް ވައިބަރ ގްރޫޕެއްގައި ފޮޓޯއެއް ހިއްސާކުރެއްވީތީ، ސަސްޕެންޑް ކުރީ، ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރަށް ވުމުން ކަަމަށެވެ.

ހިޔާލު ފާޅު ކުރުމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ފަނޑިޔާރުންނަށް އޮންނަ ހައްގެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވީ، އަވަސް އަރުވާލައިގެން ޝަރީއަތްކޮށް، ހުކުމް އިއްވަން ވަގުތު ކުޑަތަން ވުމުން ސަރުކާރުން ބޭނުންވާ ބެންޗެއް އައްޔަންކޮށްގެން ކަމަށާއި، ނުހައްގުން އިއްވި ހުކުމަށްފަހު، ދަށު ކޯޓުގައި އިންނެވި ފަނޑިޔާރު ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަނު ކުރެވިގެން ދިޔަތަން ރައްޔިތުންނަށް ފެނިގެން ދިޔަ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.