އިންޑިއާ ވޭރިއަންޓް އަވަށްޓެރި ގައުމުތަކަށް: ލަންކާއާއި ބަންގްލަދޭޝް އިންވެސް ފެނިއްޖެ

އަވަށްޓެރި އިންޑިއާގައި ފެތުރެމުންދާ ކޯވިޑް-19ގެ ވޭރިއަންޓަކީ، ވަަރަށް ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓެކެވެ. 

އިންޑިއާގެ އަވަށްޓެރި ގައުމުތައް ކަމުގައިވާ ސްރީލަންކާއާއި ބަންގްލަދޭޝްއިންވެސް މިހާރު ވަނީ މި ވޭރިއަންޓް ފެނިފައެވެ. ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިންޑިއާއަށް ދަތުރު ކުރި ބަންގްލަދޭޝްގެ ހަ މީހެއްގެ ފަރާތުން މި ވޭރިއަންޓް ވަނީ ފެނިފައެވެ. 

މިއީ ވަރަށް ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓެއް ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނިގެންދާނެ ކަމަށް ބަލައި، ބަންގްޕަދޭޝްގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. 
އެގޮތުން 14 ދުވަހުގެ މުއްދަތަކަށް އިންޑިއާއަށް އެގައުމުގެ ބޯޑަރު ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ.

ލަންކާއިން އިންޑިއާ ވޭރިއަންޓް ފެނިފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެގައުމުގައިވެސް ބަލި ފެނުނީ އިންޑިއާއަށް ދަތުރުކޮށްފައި އައި މީހެއްގެ ފަރާތުންނެވެ. ލަންކާއާއި ބަންގްލަދޭޝްގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާއިރު، ހުކުރު ދުވަހު ލަންކާއިން 19 މީހަކު މިބަލީގައި ވަނީ މަރުވެފައެވެ. މިއީ ރެކޯޑް އަދަދެކެވެ.

ފާއިތުވި 24 ގަޑިއިރު، ބަންގްލަދޭޝްގައި ކޯވިޑް ޖެހިގެން މަރުވީ 24 މީހުންނެވެ. 

އިންޑިއާގައި ފެތުރެމުންދާ ވޭރިއަންޓް ވަރަށް ފަސޭހައިން ގައިން ގަޔަށް އަރައެވެ. އަދި މިއީ ފުއްޕާމެއަށްވެސް ވަރަށް ފަސޭހައިން ވަދެ، ނުރައްކާ ކުރުވާ ވޭރިއަންޓެއްވެސް މެއެވެ.