ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ މީހާ ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
ހުޅުމާލެއިން ހައްޔަރުކޮށްފައި މިވަނީ، ރައީސް މުޙައްމަދު ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ އެ ވަގުތު އަތަމާ ޕެލެސް ކައިރި ހުރި މީހާއެވެ.
އެމީހާ ނުފެނިގެން، އިއްޔެ ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.
އެ މީހާގެ ފޮޓޯ، އިއްޔެ ފުލުހުން ވަނީ ފުރަތަމަ ފަހަރަށް އާންމުކޮށް، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކުވާ ނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށްވެސް އެދިފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ، ބައިނަލްއަގްވާމީ ފަންނީ މާހިރުންގެ އެހީތެރިކަން ވެސް ހޯދައިގެންނެެވެ.
މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްގެ ފަރާތުން އިނގިރޭސިވިލާތުގެ ދެ މާހިރަކާއި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ބައިވެރިވެއެވެ.
މި މައްސަލައިގައި އިއްޔެ ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮށް، އެމީހުންގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ހަރުކަށި ފިކުރާ ގުޅުން އޮތް ކަަމަށް ބެލެވޭ ކަމަށް ޕްރޮސެކިއުޓަރ ޖެެނެރަލް ހުސައިން ޝަމީމް އިއްޔެ ވަނީ ވިދާޅުވެފައެވެ.