ހާލަތު ގޯސް، ޒުވާނުންނަށްވެސް އައިސީޔޫގައި ފަރުވާ ދެނީ

ކޯވިޑް-19 ޖެހިގެން ހާލު ގޯސްވެ، ޒުވާނުންނަށްވެސް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑރ.އަހްމަދު ޝަހީދު ވިދާޅުވީ އައިސީޔޫގައި ފަރުވާ ދޭން ޖެހެނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ނޫން ކަމަށެވެ. 

"އުމުރުން 26 އަހަރު، 34 އަހަރު، 37 އަހަރު، 39 އަހަރު. އެހެންވީމަ، ޒުވާން އުމުރުގެ މީހުންވެސް އައިސީޔޫގައި އެޑްމިޓް ވެގެން އެބަ ފަރުވާ ދެމުންދޭ" ޑޮކްޓަރު ވިދާޅުވިއެވެ. 

ރާއްޖޭގައި އާ ވޭރިއަންޓެއް އުޅޭއިރު، ބަލި ފެތުރޭ މިންވަރު ހަލުވިކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ، މިހާރު އަޅާފައި ހުރި ފިޔަަވަޅުތަކާއިއެކު ބަލިީގެ ކޭސްތައް މަދު ނުކުރެވިއްޖެނަމަ، ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށެވެ. 

ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު އިތުރަށް ގޯސްވާނެ ކަަމަށް ބެލެވޭ ކަމަށްވެސް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.