އޭޝިއަން ފެޑެރޭޝަން ކަޕް (އޭއެފްސީ) ގެ މެޗެއް ކުޅުމަށް ރާއްޖެއަށް އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން ތިބޭ ހޮޓަލުން ބޭރަށް ނުކުމެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ގައިޑްލައިންތަކާ ހިލާފުވެފައިވާތީ، އެ ޓީމު ރާއްޖެއިން ފުރުމަށް ޔޫތު މިނިސްޓަރު އަހްްމަދު މަހުލޫފު އަންގަވައިފިއެވެ.
ރޭގެ ވަގުތެއްގައި މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބެންގަލޫރު އެފްސީގެ މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. މިއީ އޭއެފްސީގެ ގަވައިދުތަކާއިވެސް ހިލާފު ކަމެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެެ.
"މެޗު ނުބޭއްވޭނެކަން އެފްއޭއެމްއަށް އަންގައިފިން. އަދި ބެންގަލޫރު ޓީމަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އަންގައިފިން." މަހްލޫފު ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރު މަހުލޫފު ވަނީ، އޭއެފްސީއާއި ވާހަކަ ދައްކައިގެން ގްރޫޕް ސްޓޭޖްގެ މެޗުތައް ފަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ކޯވިޑް-19ގެ ހާލަތު އިންޑިއާގައި ވަަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް، ޚާއްސަ ހުއްދައިގެ ދަށުން އެ ޓީމު ރާއްޖެ ގެނައުމުން، ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަށް އަމާޒުވިއެވެ. ނަމަވެސް ސަރުކާރުން މީގެ ކުރިން ވަނީ ރާއްޖެ ގެންނަ ޓީމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
ފޮޓޯ: ސަން އޮންލައިން