ތިނަދޫއިން ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ.ތިނަދޫއިން ފަސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، ބަލީގެ އަލާމާތްތައް ފެނިގެން އެރަށުން ޓެސްޓު ކުރި ފަސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ބަލި ޖެހުނު މީހުންނާއި ދިމާވި މީހުން ދެނެގަތުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ސެންޓަރުން ހާމަކުރެއެވެ. 

އަތޮޅުތެރޭގައި ކޯވިޑްގެ ބިރުވެރިކަން އިތުރުވަމުން އަންނައިރު، ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 146 މީހަކު ކޯވިޑަށް ޕޮޒިޓިވް ވިއެވެ. އޭގެތެރޭގައި މީހުން ދިރިއުޅޭ 11 ރަށަކުން ފެނުނު ކޭސްތައް ހިމެނެއެވެ.

ރާއްޖެއިން މިހާތަނަށް 23،237 މީހަކަށް ކޯވިޑް ޖެހިފައިވާއިރު، 20،529 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލީގައި ނިޔާވީ 66 މީހުންނެވެ.