ރައީސް ނަޝީދަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އެރޭ އުޅުނު ގޮތް ފެންނަ ވޯޑިއޯއެއް އާންމުކޮށްފި

ރައީސް މުހަައްމަދު ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހާ ހަމަލާ ދިން ގަޑީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ އާންމުކޮށްފިއެވެ.

މި ވީޑިއޯ އާންމު ކޮށްފައިވަނީ، މިހާރު ކުރިއަށްދާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަނީ އައިއީޑީއެއް ގޮއްވާލައިގެން، ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހްމަދު ރަޝީދެވެ. އޭނާ އަކީ ވ.ތިނަދޫއަށް ނިސްބަތްވާ މީހެކެވެ.

ރައީސް ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން، ކާރުކޮޅު ކައިރިއަށް ވަޑައިގަންނަވަންދެން އެމަނިކުފާނުގެ އިންތިޒާރުގައި، ހަމަލާ ދިނުމަށް ތައްޔާރުވެގެން، އަތަމާ ޕެލަސް ކައިރީގައި މަޑުކޮށްލައިގެން، އަދުހަމް  ހުރިތަން ވީޑިއޯއިން ފެނެއެވެ. 

އެތަނުގައި މަޑުކޮށްގެން ހުރިއިރު، އިރު އިރުކޮޅުން، އަދުހަމް ވަނީ އޭނާއާ އިންވެގެން ހުރި ފާރުގައި ފައިޖައްސާފައެވެ. އަދި ފޯނުން މީހަކާ ވާހަކަ ދައްކަމުން ދިޔައިރު، ވީޑިއޯއިން އޭނާ އަތުގައި އޮތް ރިމޯޓެއްވެސް ފެނެއެވެ. 

އަދުހަމް ފައި ޖެއްސި ތަންތަނުން ފުލުހުން ފުޓް ޕްރިންޓް ނަގާފައިވެއެވެ. ފުލުހުން ބުނި ގޮތުގައި، އޭނާގެ ފުޓް ޕްރިންޓާއި، ކުރިން ނެގި ފުޓް ޕްރިންޓާ ދިމާވެއެވެ.

ހަމަލާ ދިނުމަށްފަހު، އަދުހަމް ގޮސް ބައްދަލު ކުރީ، ހަމަލާ ދިންކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި އުމުރުން 21 އަހަރުގެ މުޖާޒް އަހްމަދާއެވެ. ހަމަލާއަށް ފަހު، ގެއަށް ނުވަދެ، އެދެމީހުންވެސް އެރޭ އުޅުނީ ބޭރުގައެވެ. 

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ރައީސް ނަޝީދަށް ހަަމަލާ ދިންކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރު ކުރި ތިން މީހުންނަކީ އެކަކު އަނެކަކާ ފޯނުން މުއާމަލާތް ކުރަމުން ދިޔަ، ގުޅުން އޮންނަ ތިން މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 
އަދުހަމް ހައްޔަރު ކުރީ، އޭނާ ދިރިއުޅޭ ހުޅުމާލެ ފްލެޓް، ނައިން ފައިވް ޖީ ޒީރޯ ޓޫއިން، ރޭ ފަތިހު 4:25 ހާއިރުއެވެ. 

ރައީސް ނަޝީދަށް ހަަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އިއްޔެ މުޖާޒުގެ އިތުރުން، ހަރުކުރި ދެވަނަ މީހަކީ، ގއ.ކޮނޑޭ، ފޫޅުމާގޭ، އުމުރުން 32 އަހަރުގެ އަޙްމަދު ތަހުމީންއެވެ. ހަމަލާ ދިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް، މިއަދު ވަނީ 15  ދުވަސް ޖަހައިފިއެވެ.