ހަރުކަށި ފިކުރުގެ މީހުންނާ އެއްގޮތަށް، ދީނަށް ފުރައްސާރަ ކުރާ މީހުންނާމެދުވެސް ފިޔަވަޅު އަޅާ: މޮސްޓާ

ޓެރަރިޒަމަށް ހިތްވަރުދީ، މީސްމީޑިއާގައި ޝުއޫރު ފާޅު ކުރާ މީހުންނާ ދޭތެރޭގައި ފިވަޅު އަޅާ ގޮތަށް، އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާމެދުގައިވެސް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގޮވާލައްވައިފިއެވެ.

ޓެރަރިޒަމަށް ހިތްވަރުދީ، އެފަދަ އަމަލުތަކަށް ތާއީދު ކުރުމަކީ ކުށެއް ކަމަށާއި، ނިރުބަވެރި ކަމަށް ތާއީދުކޮށް، މީސްމީޑިއާގައި ޝުއޫރު ފާޅު ކުރާ މީހުންނާއިމެދު ފިޔަވަޅު އަޅާނެ ކަަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިންކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި، އުމުުރުން 26 އަހަރުގެ އަދުހަމް އަހުމަދު ރަޝީދާއި ގުޅޭ މައުލޫމާތު ދިނުމަށް، ފުލުހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެފައިވަނީ، ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފު ކުރުމާއި، ހިތްވަރު ދިނުމާއި، ޝައުގުވެރިކަން އުފެއްދުމާއި، ތާއީދު ކުރާކަން ދެއްކުމަކީ ގާނޫނީ ގޮތުން، ކުށެއް ކަމަށެވެ.

ފޭކު އައިޑީތަކުންވެސް ޓެރަރިޒަމަށް ހިތްވަރު ދޭކަން ފާހަގަ ކުރެވޭ ކަމަށާއި، އެފަދަ ކޮމެންޓްތަކުގެ މައުލޫމާތު ނަގައި، ކާކުތޯ ބަަލައި، އާކައިވް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް ޓެގް ކުރައްވައި، މޮސްޓާ ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަތައް ބަލާގޮތަށް، އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައްވެސް ބަލަން ޖެހޭނެ ކަމަށެވެ. 

ރޭ މެންދަމު، ލ.ގަމުގެ މިސްކިތެއްގައި، ދަމު ނަމާދު ކުރަމުން ދަނިކޮށް، ޒުވާނަކު މަސްތުގެ ހާލަތުގައި މިސްކިތަށް ވަދެ، އިމާމަށް ހަމަލާދީ، ހުތުރު ބަހުން މުހާތަބު ކުރުމަަށްފަހު، މައިކް އެއްލާލާފައި ދިޔަ މައްސަލައިގެ އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. 

މިކަމާ ކަންބޮޑުވުންފާޅު ކުރައްވައި މޮސްޓާ ވިދާޅުވީ، އެފަދަ އަަަމަލުތައް ކުރާ މީހުންނަކީ ބުއްދި ހަަމަނުޖެހޭ މީހުން ކަމުގައި ހަދާ ކަމަށެވެ. އަދި ހަރުކަށި ފިކުރު ހުއްޓުވުމަަށްޓަކައި، އިސްލާމް ދީނާ ދެކޮޅަށް، އަދި އެދީނާމެދު ނަފްރަތު އުފައްދަން މަސައްކަތް ކުރާ މީހުންވެސް ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.