އިއްޔެގެ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ނެގި ސާމްޕަލްއެއްގެ ނަތީޖާވެސް ހިމެނޭ

އޭޕްރީލްމަހުގެ 30 ވަނަ ދުވަހު ނެގި ސާމްޕަލްއެއްގެ ނަތީޖާއާއިއެކު، ރާއްޖެއިން އިތުރު 1،091 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެެވެ. 

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެެސެންޓަރުގެ ވަގުތީ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރިން ނެގި ސާމްޕަލްތަކެއްގެ ނަތީޖާ ހިމަނާފައިވާތީ، އަލަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ، އިއްޔެގެ މަންޒަރު މުޅިން ސާފުވާ އަދަދުތަކެއް ނޫން ކަމަށެވެ. 

އެހާ ގިނަ މީހުން ޕޮޒިޓިވް ވީ، ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުހޯދާ ހުރި އަދަދުތަކާ އެކުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

މަބްރޫކް ވިދާޅުވީ އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި،  އޭޕްރީލްމަހުގެ 30 ވަނަ ދުވަހު ނެގިފައިވާ ސާމްޕަލްއެއްގެ ނަތީޖާއާއި، އެކެއް މެއިގައި ނެގިފައިވާ ހަ ސާމްޕަލްއެއްގެ ނަތީޖާއާއި، ތިނެއް މެއިގައި ނެގިފައިވާ 21  ސާމްޕަލްއެއްގެ ނަތީޖާއާއި، ހަތަރެއް މެއިގައި ނެގިފައިވާ 16 ސާމްޕަލްއެއްގެ ނަތީޖާއާއި، ފަހެއް މެއިގަ ނެގިފައިވާ 153 ސާމްޕަލްއެއްގެ ނަތީޖާއާއި، ހައެއް މެއިގައި ނެގިފައިވާ 103 ސާމްޕަލްއެއްގެ ނަތީޖާއާއި، ހަތެއް މެއިގައި ނެގި 131 ސާމްޕަލްއެއްގެ ނަތީޖާ ހިމެނޭ ކަަމަށެވެ. 

" އޭގެ އިތުރަށް 760 ސާމްޕަލް އަކީ، ރޭގެ ހަގަޑި ސުންމިނެޓުން މިރޭގެ ހަގަޑި ސުންމިނެޓަށް ނެގުނު ސާމްޕަލް" މަބްރޫކް ވިދާޅުވިއެވެ. 

އެހެންކަމުން، އިއްޔެގެ ޕޮޒިޓިވް ކޭސްތަކުގެ އަސްލު އަދަދަކީ 760 އެެވެ. 

އިއްޔެގެ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 933 ކޭސްއާއި، އަތޮޅުތެރެއިން ޕޮޒިޓިވް ވި 147 ކޭސްއެވެ.