ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން، ނަތީޖާ ނުލިބޭ 3،398 ސާމްޕަލްއެއް އެބަހުރި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަަޒީޒް ވިދާޅުވީ، އިއްޔެ 4،507 ސާމްޕަލްއެއް ނެގިފައިވާ ކަމަށެވެ.
ސާމްޕަލްތައް ނެގުނު ތަންތަނަށް ބަލާއިރު، މާލެ ސަރަހައްދުން 1،901 ސާމްޕަލް، ރަށްރަށުން 1،455 ސާމްޕަލް، އަދި ޓުއަރިސްޓް ރިސޯޓްތަކުން 1،1،51 ސާމްޕަލްއެއް ނެގިފައިވާ ކަަމަށް މަބްރޫކް ވިދާޅުވިއެވެ.
އިއްޔެވެސް 1،091 މީހަކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވިއެވެ. ނަމަވެސް އެ ނަތީޖާގައި، މީގެ ކުރިން ނަގާފައިވާ، ނަތީޖާ ނުލިބޭ ސާމްޕަލްތަކެއްވެސް ހިމެނެއެވެ. އެ ސާމްޕަލްތައް ނުހިމަނައިވެސް އިއްޔެ ޕޮޒިޓިވް ވެފައިވާ އަދަދު މަދެއް ނޫނެވެ. އެގޮތުން 760 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 9،423އެެވެ. މަބްރޫކް ވިދާޅުވި ގޮތުގައި، އޭގެތެރެއިން 218 ކޭސް އަކީ، 18 އަހަރުން ދަށުގެ ކުދިންނެވެ. އަދި 65 އަހަރުން މަތީގެ 29 މީހުން އެބަތިބި ކަަމަށް މަބްރޫކް ވިދާޅުވިއެވެ.
އިއްޔެވެސް ކޯވިޑް ޖެހިގެން މީހަކު ނިޔާވިއިރު، ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 84އަށް އަރާފައެވެ.