ކޯވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވެ، 80 އިންސައްތަ އެނދު ފުރިއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ކޯވިޑް ޖެހިގެން 250 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މިއީ ހޮނިހިރު ދުވަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ހޮނިހިރު ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދެމުން އައީ 230 މީހަކަށެވެ. ނަމަވެސް، އާދިއްތަ ދުވަހު މިވަނީ އިތުރު 20 މީހަކު އެޑްމިޓް ކޮށްފައެވެ.
މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދު ހޮސްޕިޓަލުތަކާއި ފެސިލިޓީތަކުގައި 240 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
"ފަސް ފަރާތެއް އައިސީޔޫގައި، ވެންޓިލޭޓަރަށް ނުލާ ތިބީ. އެހެންނަމަވެސް ކްރިޓިކަލް ކޮންޑިޝަންގައި. ވެންޓިލޭޓަރުގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުން" މަބްރޫކް ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ރާއްޖޭގައި ވަރަށް ހަލުވި ކަމާއެކު ކޯވިޑް ފެތުރެމުން އަންނައިރު، ކުރިއަށް އޮތް ދުވަސްތަކުގައި ކޭސްތައް ވަަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން، ބަލީގެ އަލާމާތްތައް ހުރެެގެން، ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން، ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ނިސްބަތް، ފާއިތުވި ދެ ހަފްތާގައި ވަނީ 4 އިންސައްތަ އިތުރުވެފައެވެ.
އަދި މާލެ ސަރަހައްދުގައި ނަގާ ކޮންމެ ފަސް ސާމްޕަލްއަކުން ތިން ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ