މިދަނޑިވަޅުގެ ފައިދާ ނަގައި، ދީނީ އިލްމުވެރިންނަށް ހަޖޫ ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ނިޒާރު

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން، ޓެރަރިސްޓް ހަމަލާއެއް ދީފައި މި ދަނޑިވަޅުގެ ފައިދާ ނަގައި، ދީނީ އިލްމުވެރިންނަށް ހަޖޫ ޖަހައިގެން ނުވާނެ ކަމަށް އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. 

ބުރާސްފަތި ދުވަހުގެ ރޭ، ރައީސް ނަޝީދަށް ހަަމަލާ ދިންކަމުގެ ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މިހާތަނަށް ކުރި ތަހުގީގުން، މި ތިން މީހުންނާއި ހަރުކަށި ފިކުރާއި ގުޅުން އޮތްކަން ހާމަވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި، އެ ތިން މީހުންނާ ދީނީ އިލްމުވެރިޔަކާ ގުޅުމެއް އޮތްތޯ ބަލަމުންދާ ކަމަށްވެސް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުުހުން ވަނީ ބުނެފައެވެ. 

ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިޔުމުގެ ވާހަކަ ދެކެވެމުންދާ މި ދަނޑިވަޅުގައި، ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދީނީ އިލްމުވެރިންނާއި، ހަރުކަށި ވިސްނުމާއި ގުޅުވައިގެން، މި ނާޒުކު ވަގުތުގެ ފައިދާ ނަަގައި އިލްމުވެރިންނަށް ހަޖޫ ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަަމަށެވެ. 

"އިސްލާމް ދީނުގެ މަތިވެރި ނޫރު އެއީ ދިވެހީންގެ ނަސީބު. ސުލްހައާއި އަމާންކަން، އަދި ދެދުނިޔޭގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި ހައްލު" ނިޒާރު ވިދާޅުވިއެވެ. 

 

ފޮޓޯ: އައްޑޫ ލައިވް