ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ، ރައީސްއަށް އޮޅިވަޑައިގެންފި ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ

ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަަމަލާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އޮޅިވަޑައިގެންފައިވާ ކަަމަށް ބުނެ، އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. 

މި ފާޑުކިޔުންތައް އެމަނިކުފާނަށް އަމާޒުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއަށް އިޝާރާތް ކުރައްވައި، ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 173 ވަނަ ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
 
ރައީސް ނަޝީދަށް ދިން ހަމަލާއަކީ، ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މިއީ މިހާތަަނަށް ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ." ރައީސް ސޯލިހު ވިދާޅުވިއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވިއިރު، 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު، ކުލީ ސިފައިން ރާއްޖެ އައިސް ދިން އުދުވާނީ ހަމަލާއަކީ ފަހުގެ ތާރީޚެއްގައި، ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެވެ. އެ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ. 

ނޮވެމްބަރު 03ގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު މީހުންގެ ތެރޭގައި، ފަސްޓްލޭޑީ ފަޒްނާ އަހްމަދުގެ ބައްޕަ، ސިއްކަ އަހްމަދު އިސްމާއީލް މަނިކުވެސް ހިމެނެއެވެ. 

ރައީސް ސޯލިހު ނޮވެމްބަރު ތިނެއްގެ ހަމަލާގެ ވާހަކަ ފާހަގަ ނުކުރެއްވުމުން، މީސްމީޑިއާގައި، ބައެއް މީހުން ދަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެެވެ. އެގޮތުން ތާރީހު އޮޅުވާލެއްވުމަށް މަސައްކަތް ނުކުރެއްވުމަށާއި، ތިނެއް ނޮވެމްބަރުގެ ހަނދާންތައް ދިވެހީންގެ ހިތްތަކުން ފޮހެލުމަށް މަސައްކަތް ނުކުރެއްވުމަށް، ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.