ސެކިއުރިޓީއާއި އިންޓެލިޖެންސްގެ ކަންކަން ރޭވިފައިވާ ގޮތް މުރާޖައާ ކުރަން ޖެހޭ ކަމަށް ގަބޫލު ކުރަން: ރައީސް ސޯލިހު

ސެކިއުރިޓީއާއި އިންޓެލިޖެންސްގެ ކަންކަން ރޭވިފައިވާ ގޮތް މުރާޖައާކޮށް، ބަލަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގެން ވިދާޅުވެފައިވަނީ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ 173 ވަނަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ސޯލިހު ވަނީ ދައުލަތުން ސެކިއުރިޓީ ދޭ ފަރާތްތަކުގެ ސެކިއުރިޓީގެ ކަންކަން، ރޭވިފައިވާ ގޮތުގެ ރިޕޯޓެއް، ފޮނުވުމަށް އެމްއެންޑީއެފްއަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ. 

"އެގޮތުން ސިފައިންނާއި، ފުލުހުންގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް، ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި އަޅުގަނޑު މިހާރު ވާނީ ނިންމާފައި" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތުގެ ރިޕޯޓެއް ވަނީ ލިބިފައިވާކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ، އައިއީޑީއެއް ގޮއްވާލައި، ރައީސް ނަޝީދަށް ހަމަލާ ދިންއިރު، އެމަނިކުފާނަކީ މިފަދަ ހަމަލާތަކަށް "ހައި ރިސްކު" ބޭފުޅެއްކަން އެނގުނުއިރުވެސް، އެހަމަަލާ ނުހުއްޓުވުމުން، ފުލުހުންގެ އިންޓެލިޖެންސަށާއި، ސެކިއުރިޓީގެ ފެންވަރާމެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދިއެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވި ގޮތުގައި، މިވަގުތު ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ، ރައީސް ނަޝީދަށް ހަމަލާ ދިން އިންސާފުގެ ކުރިމައްޗަށް ގެނައުމެެވެ.  މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހުރިހާ ރިސޯސެސްއެއްވެސް ބޭނުން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތަހުގީގުގައި މިހާރު ކުރިއަށްދަނީ، މީހުންނާ ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތެވެ. ހަމަލާ ދޭން ބޭނުންކުރި އައިއީޑީއާ ގުޅޭ މުހިންމު މައުލޫމާތު ތަކެއްވެސް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.