ކޯވިޑްގެ އަދަދުތައް މައްޗަށް: އިތުރު 166 ކޭސް

ދިވެހިރާއްޖެއިން އިތުރު 166 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހާމަކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ ފާއިތުވި 24ގަޑިއިރު، ކޯވިޑް ޖެހުނު މީހުންގެ ތެރޭގައި، މާލެ ސަރަހައްދުން ޕޮޒިޓިވް ވި 91 މީހަކާއި، އަތޮޅު ތެރެއިން ޕޮޒިޓިވް ވި 52 މީހަކު ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއިއެކު ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 23،403އަށް އަރައިފައެވެ. ކޯވިޑް ޖެހިގެން 98 މީހަކު ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުން އަންނައިރު، މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 2،712އެވެ.

ކޯވިޑް ޖެހިގެން މިހާތަނަށް 66 މީހަކު ވަނީ ނިޔާވެފައެވެ.

ބަލީގެ ކޭސްތައް އިތުރުވަމުން އަންނައިރު، އެޗްޕީއޭއިން ދާދި ފަހުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެގޮތުން ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން އަވަހަށް ބަންދު ކުރަންޖެހޭ ގޮތަށް އޮތް އުސޫލާއި، ރޭގަނޑު 6:00ގެ ފަހުން ދުއްވާ އުޅަނދު ނުދުއްވޭ ގޮތަށް އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފައެވެ.