ކޯވިޑް-19: އިނގެރޭސިވިލާތުން ގިނަ ފިޔަވަޅުތަކަށް ލުއި ދޭން ތައްޔާރުވެއްޖެ

ކޯވިޑް-19ގެ ކޭސްތަކަށް މަޑުޖެހުމެއް އައިސް، އިނގެރޭސިވިލާތުގައި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން، ބަލި ކޮންޓްރޯލް ކުރުމަށް އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމައިފިއެވެ.

މި ލުއިތަކުގެ ދަށުން، އެގައުމުގެ ރައްޔިތުންނަށް  އާއިލާގެ އެހެން މެމްބަރުންނާއިއެކު އެއްވެ އުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ހަ މީހުން އެއްފަހަރާ އެއްވެ އުޅުމަށް ހުއްދަ ދޭނެއެވެ. 

ކައިވެނި ހަފްލާތަކާއި އެނޫންވެސް ރަސްމިއްޔާތުތައް، 30 މީހުންނަށްވުރެ ގިނަ ނުވާނެހެން، ބޭއްވުމުގެ ހުއްދަ ދިނުމަށްވެސް ނިންމާފައިވެއެވެ. 

އެތައް މަސްތަކަކަށްފަހު، ކެފޭއާއި ރެސްޓޯރަންްޓްތަކަށް ކަސްޓަމަރުން ގެނައުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާއިރު، މުނިފޫހި ފިލުވުމާއި، ކުޅިވަރުގެ އެހެނިހެން ހަރަކާތްތައް ބޭއްވުމުގެ ހުއްދަވެސް ދިނުމަށް އިނގެރޭސި ސަރުކާރުން ވަނީ ނިންމައިފައެވެ.

ކޯވިޑް ބަލީގައި އިނގެރޭސިވިލާތުން 127،000 މީހުން މަރުވިއެވެ. އާދިއްތަ ދުވަހު އެގައުމުގައި ކޯވިޑަށް ޕޮޒިޓިވް ވީ، 1،770 މީހުންނެވެ. މިއީ ޖެނުއަރީމަހު އެގައުމަށް އެރި، ބަލީގެ ދެވަނަ ރާޅުގެ ކުރީކޮޅާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދު އަދަދެކެެވެ. 

އޭރު ދުވާލަކު 80،000އެއްހާ މީހުން ޕޮޒިޓިވް ވިއިރު، އެއް ދުވަހު 1،300 މީހުންވެސް ބަައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ވަނީ މަރުވެފައެވެ. 

މެއިމަހުގެ 17 ވަނަ ދުވަހުން ފެށިގެން، އިނގެރޭސިވިލާތުން އެހެން ގައުމުތަކަށް ދަތުރުތައް ފެށުމަށްވެސް އަންނަނީ ތައްޔާރު ވަމުންނެވެ. އެހެންނަމަވެސް، ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ބަލީގެ ހާލަތު ގޯސް ނޫން ގައުމުތަކަށް އެކަންޏެވެ.