މުޅި ރާއްޖެ މިހާލަތަށް ވެއްޓުނީ ސަރުކާރުން ކޯވިޑް ޑްރާމާ ކުޅެން ހަދައިގެން: ނާސިފް

މުޅި ރާއްޖެ ނުރައްކާތެރި ހާލަތަކަށް ވެއްޓުނީ، އެމްޑީޕީގެ ސަރުކާރުން "ކޯވިޑް ޑްރާމާ" ކުޅެން އުޅުމުން ކަމަށް ރ.އަތޮޅު ކައުންސިލްގެ އިންތިޚާބީ ރައީސް، ހުސައިން ނާސިފް ވިދާޅުވެއްޖެެއެވެ. 

"އަސުރު އޮންލައިން"އާ ވާހަކަ ދައްކަވަމުން ނާސިފް މިހެން ވިދާޅުވީ، ކޯވިޑް-19ގެ ކޭސްތައް ވަަރަށް ބޮޑަށް އިތުރުވެފައިވާތީ ގިނަ ރައްޔިތުން، އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. 

ނާސިފް ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންނަކީ ސަރުކާރުގެ އިސްބޭފުޅުންނަށް ހީފުޅުވެފައި އޮންނަ ގޮތަށް، ގަމާރު ބައެއް ނޫނެވެ. ދިވެހީންނަކީ ވަަރަށް ހޭލުންތެރި ބައެއް ކަމަށާއި، ކޯވިޑްގެ ބިރުވެރިކަން ރާއްޖެއަށް އައުމުގެ ކުރިންވެސް، ސަރުކާރުން ކުޅެމުން އައި "ޑްރާމާ" ރައްޔިތުން ދިޔައީ ގާތުން ބަލަމުން ކަަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ކޯވިޑް ޑްރާމާގެ އެންމެ މުހިންމު އެޕިސޯޑަކީ ދުބާއީގެ އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކޮށްގެން، ރާއްޖެއަށް 75 ވެންޓިލޭޓަރު ގެނައުމުގެ ނަމުގައި ހިންގި ބޮޑު ހިޔާނާތެވެ.

"ރައްޔިތުންގެ ނޭވާ ހޮޅިން ވައްކަން ކުރި ގޮތްވެސް އޮތީ ހާމަވެފަ. ވައްކަން ކުރުމަށްފަހު، އެހެން މީހެއްގެ ބޮލުގައި އަޅުވައިގެން އިތުރު ފިލްމެއް ކުޅެން އުޅުނަސް، ރައްޔިތުން ގުނބޯ ނުހެއްދޭނެ" ނާސިފް ވިދާޅުވިއެވެ.

ކޯވިޑްގެ މި ހާލަތުގައި، ކޮރަޕްޝަންގެ އިތުރު ކަންތައްތަކެއް ފެންމަތިވެފައިވާއިރު، އެއީ ސަރުކާރުން ގަސްތުގައި، ރާވައިގެން ކުރި ކަންތައްތަކެއް ކަމަށް ނާސިފު ދެކެވަޑައިގަންނަވައެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ބަލި ކޮންޓްރޯލް ނުވެ، ހާލަތު އިތުރަށް ގޯސްވީވެސް، ސަރުކާރުން އިހްލާސްތެރިކަމެއް ނެތި، ހާލަތުގެ ބޭނުން ކޮށްގެން "ވައްކަން" ކުރަން އުޅުމުންނެވެ.

"ވައްކަން ކޮށްފައި، ރައްޔިތުންގެ ބޮލަށް ޖަހަން މިއުޅެނީ. ރައްޔިތުން ފަރުދީ ޒިންމާ އަދާ ނުކޮށްގެނެއް ނޫން، މިހިސާބަށް ކަންކަން ދިޔައީ." އޭނާ ވިދާޅުވިއެވެ. 

ނާސިފް ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ބަސް ނޭހީ ސަރުކާރުން ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، ޓެގް ޓީމުން ދޭ ލަފަޔާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރާ މައްސަލައަށެވެ. 

އޭނާގެ ވާހަކަައިގައި، ސިޔާސީ ނިންމުންތަކެއް ނިންމަވާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށްވެސް ފާޑުވިދާޅުވިއެވެ. 

"މައިމޫނާއަށް މުޅި ގައުމު ދޫކޮށްލައިގެންވެސް، ސަރުކާރުން ބެލީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ވެވޭތޯ" ނާސިފް ވިދާޅުވިއެވެ.

ނާސިފް އިތުރަށް ވިދާޅުވީ، ހިޔާނާތުގެ މައްސަލަތައް ފޮރުވުމަށް، އެކި ފަރާތްތަކަށް ބިރު ދައްކައި، މިއަދު އަނގަމަތީގައި ޓޭޕު އެޅުނަސް، މައްސަލަތައް ބަލައި، ކުށްވެރީންނާއިމެދު ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށެވެ. 

އަތޮޅުތެރޭގައި ކޯވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، ރަށްރަށުގެ ސިއްހީ ނިޒާމުގެ ހާލަތާއިމެދު ނާސިފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިިފައެވެ. 30އަށްވުރެ ގިނަ ރަށް މޮނިޓަރިން ހާލަތުގައި އޮތްއިރު، އެރަށްރަށުގައި އެންމެ ކުޑަމިނުން ކޯވިޑަށް ޓެސްޓް ކޮށް ނުލެވުމަކީ، އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ނާސިފް ވަނީ ވިދާޅުވެފައެވެ.