ނައިފަރު އާންމު ހާލަތަކަށް ގެނައުމަށް ސަރުކާރުން މަސައްކަތެއް ނުކުރޭ: ޝިޔާމް

ޅ.ނައިފަރު މޮނިޓަރިން ހާލަތުގައި އޮންނަތާ މަސް ދުވަސް ވެފައިވާ ކަމަށާއި، އެރަށް އާންމު ހާލަތަކަށް ގެނައުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
 

ފޭސްބުކްގައި ޝިޔާމް ކުރެއްވި ޕޯސްޓެއްގައި، ވަަރަށް ތަފްސީލުކޮށް ނައިފަރުގެ ހާލަތު ބަޔާންކޮށްދެއްވިއެވެ. މިދިޔަ މާޗުމަހުގެ 23 ވަނަ ދުވަހުން ފެށިގެން، އެރަށް މިނިޓަރިން ހާލަތުގައި އޮތްއިރު، އެރަށުން މިހާތަނަށް 728 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން ފާހަގަކުރެއްވިއެވެ. ކޯވިޑް ބަލީގައި ނައިފަރުން ހަތަރު މީހަކު ނިޔާވެފައިވާއިރު، މާލެ ފިޔަވާ މީހުން ދިރިއުޅޭ ރަށަކުން އެންމެ ހާލަތު ގޯސްކޮށް ތަފާސްހިސާބު ދައްކާ ރަށަކީ ނައިފަރު ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. 
 

މިޙާލަތުގައި މިހާ ދުވަސްވީއިރު މިއަދުވެސް ރައްޔިތުންގެ ހުރީ ފުރަތަމަ ދެތިން ހަފްތާގައިވެސް ވެސް ހުރި ޝަކުވާތައް ކަމަށާއި، އިތުރުވި އެއްޗަކީ ކޯވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
 

" ކޭސްތައް މަދުކޮށް ނައިފަރު އާންމު ހާލަތަށް ގެނައުމަށް ސަރުކާރުން އެދެވޭ މަސައްކަތެއް ކުރާތަނެއް ނުފެނޭ. މިހާލަތުގައި ބޭނުންވާ މުހިންމު ވަސީލަތްތައް އަދިވެސް ފޯރުކޮށް ނުދެވޭ.  މުޢައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން، ހާއްސަކޮށް ސިއްހީ ދާއިރާ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއް ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބުމުގެ ސަބަބުން މަސައްކަތްކުރައްވާ މަދު މުވައްޒަފުންކޮޅު ވަރުބަލިވެ ރަނގަޅަށް ހިދުމަތް ފޯރުކޮށް ނުދެވޭހިސާބަށް ހާލަތު ގޯސްކަން ފާހަގަކުރަން." ޝިޔާމްގެ ޕޯސްޓުގައި ވިދާޅުވިއެވެ. 
 

ޝިޔާމް ވަނީ، އެހެން ރަށްރަށަށް ދަތިވާ ހާލަތްތަކުގައި ޅ. އަތޮޅު ހޮސްޕިޓަލުން އެހެން ރަށްރަށަށް މުވައްޒަފުން ފޮނުވޭ އުސޫލުން، ނައިފަރުގައި އެކަން ނުކުރެވެނީ ކީއްވެގެންތޯ ސަރުކާރާ ސުވާލު ކުރައްވައިފައެވެ. 
 

"ނައިފަރުގެ ދޭދޭ މުއައްސަސާތަކުގެ ސިޔާސީ ވެރިންގެ މެދުގައި ހުރި ޒާތީ މައްސަލަތައް ކޯވިޑުގެ ހާލަތަަށްވުރެ، ގޯސްކަމަށް ފެނޭ. ޝަކުވާތަކަށް ހައްލު ނުހޯދި މިހާ ދުވަސްވާންޖެހޭ ސަބަބެއް ނުވިސްނޭ. މުޢައްސަސާތަކުގެ ސިޔާސީވެރިން މުޖުތަމައުގެ މަސްލަހަތު ކުރިޔަށް ނެރުއްވާ މަސައްކަތް ކުރެއްވުމަށް ނުހަނު އަދަބު އިހްތިރާމާއެކު އިލްތިމާސްކުރަން" ޝިޔާމް ވިދާޅުވިއެވެ. 
 

ޝިޔާމްގެ ޕޯސްޓުގައި ނައިފަރުގެ ރައްޔިތުންގެ އެންމެ ބޮޑެތި ޝަކުވާތައް ހިއްސާ ކުރެއްވިއެވެ. އެއީ މިއަދާ ހަމައަށްވެސް ހަައްލު ނުލިބި ހުރި، ބޮޑެތި މައްސަލަތަކެވެ. އެގޮތުން، އެރަށުގައި ކޯވިޑަށް ޓެސްޓު ކުރެވެން ނެތުމާއި، ތޮއްޖެހިފައިވާ އެ ރަށުގައި ކަރަންޓީނު ކުރުމުގައި ހުރި ދަތިތަކާއި،  ކޮންޓެކްޓް ޓްރޭސިން ހަދައި ޑައިރެކްޓު އަދި ސެކަންޑަރީ ކޮންޓެކްޓުންނާއި ދޭތެރޭ އަމަލު ކުރާގޮތުގެ ޝަކުވާއާއި، އިގްތިސާދީ ހަރަކާތްތައް ހުއްޓި އާމްދަނީ ހޯދަން ކުރަމުންއައި މަސައްކަތް ހުއްޓާލާ ގޭބަންދުގައި ތިބެންޖެހުމުން ރަށުގެ އިގްތިސާދު ހީނަރުވެ އާއިލާތައް ނިކަމެތިކަން ތަހައްމަލު ކުރަން ޖެހުމުގެ ޝަކުވާ ބޮޑުކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ. 
 

ނައިފަރުގައި މިހާލަތު އޮތްކަންދަނެ، މަސްވެރި އާއިލާތަކަށާއި އެހެންވެސް އާމްދަނީ ހުއްޓިފައި ތިބި ފަރާތްތަކަށް ތަކުލީފު ކުޑަ، ދަފްތަރުވެވޭ އުސޫލަކުން ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސެއް ނުދެވެންވީ ކީއްވެތޯ ޝިޔާމް ސުވާލު ކުރެއްވިއެވެ.
 

"ތަފާތު އެކި ލޯންތައް ނަންގަވައިގެން ތިއްބެވި ފަރާތްތަކަށް ސަރުކާރުން ލުއި ގޮތްތަކެއް ހޯއްދަވައި ނުދެވެންވީ ކީއްވެތޯ؟" ޝިޔާމް ސުވާލު އުފެއްދެވިއެވެ.  
 

ޝިޔާމް ވަނީ މީގެ އިތުރުންވެސް، ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަންކަން ބަލައި، ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފައެވެ.