އިސްރާއީލްގެ އަނިޔާވެރިކަމާ ދެކޮޅަށް ތުރުކީގެ ރައްޔިތުން ނުކުމެ އަޑު އުފުލައިފި

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލް ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި، ތުރުކީގެ އެތައްހާސް ރައްޔިތުން ނުކުމެ، މުޒާހަރާ ކޮށްފިއެެވެ. 

އިސްރާއީލްގެ ޔަހޫދީން، ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްސާގައި އަޅުކަން ކުރާ މުސްލިމުންނަށް ހުރަސް އަޅައި، ދިން  ހަމަލާތަކުގައި، ފަލަސްތީނުގެ އެތައް ބަޔަކު ދަނީ ޝަހީދުކޮށްލަމުންނެވެ. 

މި ހަމަނުޖެހުންތައް ފެށުނީ ޤުދުސްގައި ހުންނަ، މުސްލިމުންގެ ތިންވަަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ، އަލް-އަޤްސާ މިސްކިތުގައި އަޅުކަން ކުރާ މުސްލިމުންނަށް އިސްރާއީލްގެ ޔަހޫދީން ހުރަސް އަޅައި، ހަމަލާ ދިނުމުންނެެވެ. 

ބަދަލު ހިފުމުގެ ގޮތުން، ހަމާސް ޖަމާއަތުން ރޮކެޓް ހަަމަލާތަކެއް ދިންއިރު، އިސްރާއީލުން ވަނީ، ވައިގެ މަގުން، ވަރުގަދަ ހަމަލާތެކެއް ދީފައެވެ. 

އިސްރާއީލްގެ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، ތުރުކީގެ އަންކާރާގައި ހުންނަ އިސްރާއީލް އެމްބަސީ ކައިރިއަށް އެއްވެ، އެތައްހާސް ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. 

އިސްތަންބުލްގައިވެސް މިފަދަ އެއްވުންތައް ކުރިއަށް އެބަދެެވެ. އެއްވުންތަކުގެ ބައިވެރިން ގޮވާލަމުން ދަނީ އިސްރާއީލްގެ ހައްދު ފަހަނަ އަޅާފައިވާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށެވެ. އަދި ބާރުގަދަ ގައުމެއްގެ ގޮތުގައި އޮވެ، އިސްރާއީލަަށް ވާގިވެރިވަމުންދާ އެމެރިކާއަށްވެސް، އެއްވުމުގެ ބައިވެރީން ދަނީ ވަނީ ފާޑު ކިޔައިފައެވެ.

އިސްރާއީލުން ވަނީ ފަލަސްތީނުގެ މުސްލިމުންނަށް ނަމާދު ކުރަން ނުވަދެވޭ ގޮތަަށް އަޤްސާ މިސްކިތް ބަންދުކޮށްފައެވެ. މިކަމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ގެންދަނީ، އަޑު އުފުލަމުންނެވެ. 

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، ކުރިއަށް އޮތްތަނުގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން އިސްރާއީލަށް ހަމަަލާ ދޭ ބަޔަކު، ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމުގެ އިންޒާރުވެސް ނަތަންޔާހޫ ދީފައިވެއެވެ.