އާޒިމް ވިދާޅުވަނީ ބޮޑު ހިޔާނާތުގެ ލިސްޓުގައި ނަން އޮންނަން ޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަަމަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން އޮންނަންޖެހޭ ސަބަބެއް ނޭނގޭ ކަމަށް، އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުހެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. 

ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު، އެމްޑީޕީގެ މެމްބަރުންގެ މައްޗަށްވެސް ކުރެވޭއިރު، އެ ހިޔާނާތުގެ މައްސަލަ ބަލަމުންދާ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އާޒިމް އިސްތިއުފާ ދެއްވާފައިވާފައެވެ. އޭނާގެ ބަދަލުގައި މިހާރު ކޮމެޓީއަށް ހަަމަޖައްސާފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާއެވެެ. 

އާޒިމް "މިހާރު" ނޫހަށް ވިދާޅުވީ، ބޮޑު ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން އޮތްކަމަށް އަަޑު ފެތުރެމުންދާ ކަމަށެވެ. އެހެންނަމަވެސް، އެ ލިސްޓުގައި އޭނާގެ ނަން އޮންނަން ޖެހޭ ސަބަބެއް އެނގިނުލައްވާ ކަމަށްވެސް ވިދާޅުވިއެވެ. 

އެފަދަ ވާހަކަތަކެއް ދެކެވޭނަމަ ރަނގަޅު ގޮތަކީ ކޮމިޓީގެ މަސައްކަތުން އެއްފަރަތްވެލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާނާތުގެ ލިސްޓު މަޖިލީހަށް ލިބުމާއެކު މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުން އަންނަނީ އެ ލިސްޓު ހާމަކުރަން ގޮވާލަމުންނެވެ. ކޮމިޓީން އެ ލިސްޓު ސިއްރު ކުރަނީ، ލިސްޓުގައި ސަރުކާރުގެ ބޮޑުން ހިމެނޭތީ ކަމަށްވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.