އިންޑިއާގެ ހުޅަނގުގައި އޮންނަ، ގުޖުރާތު ސްޓޭޓުގެ މަޝްހޫރު ނޫހެއްގައި، އެޑިޓަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ އަންހެނަކު، އޭޕްރީލްމަހުގެ އެއް ވަނަ ދުވަހު، އޭނާގެ އަންހެން ދަރިފުޅު ގޮވައިގެން، ސަރުކާރުން ހިންގާ ހޮސްޕިޓަލަކަށް ދިޔައެވެ.
ދަރިފުޅުގެ ކޯވިޑް-19 ޓެސްޓު ހެދުމަށެވެ. ފެނުނީ ހިތާމަވެރި މަންޒަރެކެވެ. މަރުވެފައިވާ މީހުންގެ ހަށިތަަކެއް، ބޮޑު ބޭގެއްގައި ނެރޭ މަންޒަރެވެެ. މައުލޫމާތު ސާފުކޮށްލުމުން، އެއީ ކޯވިޑް ބަލީގައި މަރުވި މީހުންކަން އެނގުނެވެ.
މަންމައާއި ދަރިފުޅު ހޮސްޕިޓަލުން އައިސް، ރާޖޭޝް ޕަތަކްއަށް ގުޅައި، އެވާހަކަ ހިއްސާ ކުރިއެވެ. ޕަތަކް އަކީ ގުޖުރާތުގައި މަޝްހޫރު ސަންދޭޝް ނޫހުގެ އެޑިޓަރެވެ.
ޕަތަކް އެކަން ރިޕޯޓަރުންނަށް އަންގައި، ވެގެން އުޅޭގޮތް ސާފު ކުރުމަށް، ނޫސްވެރިންނާއެކު މަޝްވަރާކޮށް، ނިންމިއެވެ.
"ސަރުކާރުން އޭރު، ގަދިނަގަރްގައި ކޯވިޑް ޖެހިގެން މީހަކު މަރުވިކަން އަންގާފައެއް ނެތް" ޕަތަކް ބުންޏެވެ.
މުޅި ގުޖުރާތުންވެސް، އެދުވަހު ކޯވިޑް ބަލީގައި މަރުވި ކަމަށް، ސަރުކާރުން އަންގާފައި އޮތީ، 9 މީހުންނެވެ. މިކަމުގައި، މައުލޫމާތު ސިއްރު ކުރާކަން ޔަގީންވެ، ނޫސްވެރިން ނިންމީ، ކޯވިޑްގައި މަރުވާ މީހުންގެ އަދަދު ގުނަން ނުކުތުމަށެވެ.
އެދުވަހަށްފަހު ނޫސްވެރިންގެ ޓީމަކުން ގުޅިގެން މަސައްކަތް ފެށިއެވެ. ކޯވިޑަށް ފަރުވާ ދޭ، ހަތް ސިޓީއެއްގެ ހޮސްޕިޓަލުތަކަށް ގުޅައި، މައުލޫމާތު ސާފު ކުރަން ފެށިއެވެ.
ނޫސްވެރިކަމުގެ ދާއިރާގައި 98 އަހަރުވެފައިވާ، ސަންދޭޝް ނޫހުން، އެދުވަހަށްފަހު، ކޯވިޑް މަރުގެ ޑެއިލީ އަޕްޑޭޓްތައް ހިއްސާ ކުރެއެވެ. ކޮންމެ ދުވަހެއްގެ އަދަދުތައްވެސް، ސަރުކާރުން ހާމަކުރާ ރަސްމީ އަދަދުތަކަށްވުރެ އިތުރެވެ.
ސަންދޭޝް ނޫހުން ބޭނުންވީ، އެ ނޫހުން ހޯދި އަދަދުތައް ރަސްމީ ފަރާތަކުން ޔަގީންކޮށްދޭށެވެ. އެކަމެއް ނުވިއެވެ. ރަސްމީ އިދާރާތަކުން ހަނު ތިބީއެވެެ. އެ ނޫހުން ރިޕޯޓް ކުރި އަދަދުތައް ދޮގެއްވެސް ނުކުރެއެވެ.
އެހެންވެ، ޕަތަކު ނިންމީ އޭނާގެ ނޫސްވެރިން ނެރެ، މޯޗަރީން ނެރޭ ހަށިތައް ގުނައިގެން، މަރުވާ މީހުންގެ އަދަދުތައް އަމިއްލަ ލޯތަކުން ދެކި، ކަށަވަރު ކުރާށެވެ.
އެކަން ކުރުމަށްޓަަކައި، އަހްމަދްއާބާދުގައި ކޯވިޑަށް ފަރުވާ ދޭ ހޮސްޕިޓަލެއްގެ މޯޗަރީއަށް ފާރަވެރިވުމަށް ސަންދޭޝް ނޫހުން ދެ ނޫސްވެރިން ދިޔައެވެ. 17 ގަޑިއިރުގެ ތެރޭގައި 69 ހަށިގަނޑެއް ނެރުނެވެ.
އަނެއް ދުވަހު، ގުޖުރާތުން ރަސްމީކޮށް ހާމަކުރީ، 55 މީހަކު މަރުވި ކަމަށެވެ. އަހްމަދުއާބާދުން 20 މީހުން މަރުވި ކަމަށެވެ.
އެވަރުން މަސަައްކަތް ހުއްޓާނުލައި، ނޫސްވެރިން ނުކުތީ، މަރުވެފައިވާ ހަށިތައް އަންދާ ސަަރަހައްދުތައް ބެލުމަށެވެ. އެފަދަ 21 ސަރަހައްދެއް ބަލައި، ހަށިތައް ގުނިއިރު، 200 ހަމަވިއެވެ.
ނަމަވެސް، އަނެއް ދުވަހު ރަސްމީ އިދާރާތަކުން ބުނީ، މަރުވީ އެންމެ 25 ކަމަށެވެ.
މިގޮތުގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދުތައް، އެކި ސިޓީތަކުން ގުނަމުން ގޮސް، އޭޕްރީލްމަހުގެ 21 ވަނަ ދުވަަހު އެކަނި، 752 މީހަކު، ކޯވިޑްގައި މަރުވެފައިވާކަން ޔަގީން ކުރެވުނެވެ. އޭގެ ފަހުން ގިނަ ދުވަސް ދުވަހު، 500އިން މަތީގައި މަރުވާ މީހުންގެ އަދަދުތައް ހުރިކަން އެނޫހަށް ފާހަގަ ކުރެވުނު ކަމަށް ބުނެފައިވެއެވެ.
ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް ބަލާއިރު، ގުޖުރާތުގައި މިހާތަނަށް 650،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވެއެވެ. މި ބަލީގައި، އެ ސްޓޭޓުން، 8،300 މީހުން މަރުވެފައިވާ ކަަމަށް ރަސްމީ ގޮތުން އެނގިފައިވެއެވެ. ނަމަވެސް، މިއަދަދުތައް ނޫސްވރިންނަށް ގަބޫލު ކުރަން ދައްޗެވެ. އެމީހުންގެ ނަޒަރުގައި، މިއަށްވުރެ ކޭސްތަކާއި، މަރުގެ އަދަދުތައް އިތުރުވާނެއެވެ. ސަރުކާރުން ހާމަ ނުކުރަނީއެވެ.