ބޮޑު ހިޔާނާތުގެ ލިސްޓު އާންމު ކުރަން ޖެހޭނީ އުނި އިތުރު ނުގެނެސް: ސައީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން ބޭނުންވާ ގޮތަށް، އުނި އިތުރު ނުގެނެސް، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަންފާ ހޯދި މީހުންގެ ލިސްޓު އާންމު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ. 

1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި ބައިވެރިވީ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު، ރައްޔިތުންގެ މަޖިލީހަށް ފޮނުވީ، މެއިމަހުގެ ހަވަނަ ދުވަހުއެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން، ބޮޑު ހިޔާނާތުގައި ބައިވެރިވީކަމުގެ ތުހުމަތު ކުރެވޭ 281 މީހެއްގެ ނަން ހިމެނޭ ލިސްޓު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއި. ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކަށް ވަނީ ފޮނުވައިފައެވެ.

ކޮމެޓީން ނިންމީ ލިސްޓުގައިވާ ނަންތައް ސިއްރުކޮށްގެން މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކާއެކު، ތުހުމަތު ތަކެއްވެސް، އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ. 

ޕީއެންސީގެ ނާއިބު ރައީސް، ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ، އުނި އިތުރު ނުގެނެސް، ލިސްޓު އާންމު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. 

"މޮޑޭ ފުއްގަނޑަކަށް އެމްއެމްޕީއާރްސީގެ ވައްކަން ނުހައްދަވާ. މަޖިލިސް ވިޔަސް، ސަރުކާރު ވިޔަސް އިސްތިސްނާ ވާކަށް ނުޖެހޭ. އެއީ ސިޔާސީ ޕާޓީއެއްގެ ހައްޤެއް ނޫން" ސައީދު ވިދާޅުވިއެވެ. 

ބޮޑު ހިޔާނާތުގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރެއްގެ އިތުރުން މިހާރު މަޖިލީހުގެ 16 މެންބަރަކަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އެލިސްޓު ހާމަ ކުރާނެ ކަމަށް ބުނެ، މީގެ ކުރިން އެތައް ވާހަކައެއް ދައްކަމުން އައިސް، ލިސްޓު އަތަށް ލިބުމުން، ރައްޔިތުންނަށް ފޮރުވަނީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

ފޮޓޯ: ސަން އޮންލައިން