ވެންޓިލޭޓަރުގެ މައްސަލައިގައި ހައްގުތައް ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން: ސަރުކާރު

ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިހެން ބުނެފައިވަނީ، ދުބާއީގެ ކުންފުންޏަކާއި ހަވާލުކޮށްގެން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެނައުމުގެ ނަމުގައި ހިންގި ބޮޑު ހިޔާނާތާއި ގުޅިގެން މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.

ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނުގައި ވަނީ، ކޯވިޑް-19އަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖެއަށް ބޭނުންވާ ކަމަށް ސިއްހީ މާހިރުން ލަފާދެއްވާފައިވާ  ވެންޓިލޭޓަރުތައް އަވަހަށް ހޯދުމަށް ހެލްތު މިނިސްޓްރީއިން ހިންގި މުއާމަލާތްތަކާއި ގުޅޭގޮތުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ބައެއް ކަންކަން ފާހަގަކޮށްފައިވާތީ، އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނުވަތަ އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އަމަލެއް ހިންގާފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ، އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް އަވަސް މައްސަލައެއްގެ ގޮތުގައި ހުށަހަޅައި ތަހުޤީޤު ކުރުމަށް އަންގާފައިވާނެ ކަމަށެވެ.

މިމައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވޭތޯ ބެލީ، ޤާނޫނުން އެކަން މަތިކޮށްފައިވާ އޭސީސީން ކަމުގައި ފާހަގަކޮށް، ސަރުކާރުން ނެރުނު ނޫސް ބަޔާނުގައި ވަނީ އޭސީސީގެ ތަހުޤީޤަށް ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް ބުނެފައެވެ. 

"އަދި އެ ތަހުޤީޤު ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއިއެކު މައްސަލަ ތަހުޤީޤު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެ މައްސަލައިގެ ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން ތަހުޤީޤު ނިމެންދެން އެކަހެރި ކުރެވުނު" ބަޔާނުގައިވެއެވެ.

ރައީސް އޮފީހުގެ ބަޔާނުގައިވަނީ ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕީޖީއާއި، ދައުލަތުގެ ބަންޑާރަ ނާއިބަށް ޤާނޫނު އަސާސީން މުސްތަޤިއްލުކަން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް، އަދި ޒާތީކަމެއް ނެތި، މިނިވަންކަމާއި އަދުލުވެރިކަމާއި އެކު ދައުވާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް އެބަޔާނުގައިވެއެވެ. 

ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، މިފަދަ އުސޫލުތައް ނަގަހައްޓައި، ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެއްކަން ފާހަގަކޮށް، އެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން މިހެން ބުނެ، ނޫސް ބަޔާނެއް ނެރެފައިވާއިރު، ވެންޓިލޭޓަރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމުމުން، އެއީ ޕީޖީ ހުސައިން ޝަމީމާއި، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ޖެހޭ ކަމެއް ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.