އަވަހަށް ބަރުދަން ލުއި ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

ބަރުދަން ލުއިކުރަން ކިތަންމެ ބޭނުންވިޔަސް، އެއީ އެއްދުވަހަކުން، ނުވަތަ ދެ ދުވަހަކުން ކުރެވޭ ކަމެއް ނޫނެެވެ. 

ވަރަަށް ބޮޑަށް ކެއުން މަދުކޮށްގެން، ވަަރަށް އަވަހަށްވެސް ބަރުދަން ލުއި ކުރެވިދާނެއެވެ. ދެ ހަފްތާއިން 14 ކިލޯ ލުއި ކުރެވޭ ޑައިޓްތައްވެސް އެބަހުއްޓެވެ. އެކަމަކު، އެއީ ހަށިގަނޑަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެެވެ. 

މުހިންމީ، ސިއްހަތަަށް ގެއްލުން ނުވާގޮތަށް މިކަން ކުރުމެވެ. އެހެންވެ، ގިނަ ދުވަސްތަކެއް ހޭދަވިޔަސް، ރަނގަޅު ގޮތުގައި ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރަމާ ހެއްޔެވެ؟ 

ސިއްހީ މައްސަލަތަކެއް ދިމާ ނުވާނެ ގޮތަކަށް، ހަފްތާއަކު ދެ ކިލޯވަރު ލުއިކޮށްލެވިދާނެއެވެ. މިކަމަށްޓަކައި، ހަށިގަނޑަށް އެތެރެ ކުރާ ކެލެރީ މަދުކޮށް، ކަސްރަތުކޮށްލުން އިތުރު ކުރުމަކީ އެންމެ މުހިންމު ދެކަންތަކެވެ. އޭގެ އިތުރުންވެސް، ކުރެވިދާނެ މުހިންމު ގިނަ ކަންތައްތަކެއް ހުރެއެވެ.

ފެހިކަން ގަދަ ފަތްޕިލާވެލީގެ ބާވަތްތައް ކެއުމުގައި ހިމަނާށެވެ. ގިނައިން ފައިބަރު އެކުލެވޭ ކައުމުގެ ބާވަތްތައްވެސް މެއެވެ. މިއީ ބަނޑުހައި ވުމުން ދުރުކޮށްދޭ ކަމެެކެވެ. ނަތީޖާއަކަށް ވާނީ، ޗޮކްލެޓް ފަދަ ފޮނި އެއްޗެހި ކާހިތްވާވަރު މަދުވުމެެވެ. 

ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާއިރު، ހަކުރު ގިނަ ބުއިންތަކުން ދުރުވާން ޖެހެއެވެ. ކިތަންމެ ވަރަކަށް ކޯކް ބޯހިތްވި ނަމަވެސް، އެއާ ދުރުވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ވީޓް ބޭނުންކޮށްގެން އުފައްދާފައިވާ ޕާނާއި، ޕާސްތާ ފަދަ ތަކެތިވެސް ނުކާށެވެ. އެއީ ހަށިގަނޑުން، ވަރަށް ފަސޭހަ ކަމާއެކު ވީޓް، ހަކުރަށް ބަދަލު ކުރާތީއެވެ. މިއީ ބަރުދަން އިތުރު ކުރުވާނެ ކަމަކަށް ވާތީއެވެ.

ބަރުދަން ލުއި ކުރަން މަސަައްކަތް ކުރާ ދުވަސްކޮޅު، ގްރީން ޓީ ގިނައިން ބޯށެވެ. ދުވާލަކު ހަތަރެއް، ނޫނީ ފަސް ތައްޓެވެ. ތިބާ އަކީ ކޮފީ ބޯހިތްވާ މީހެއްނަމަ، ދުވާލަކު އެއް ކޮފީތަށި ބޯލުމަކުން މައްސަލައެއް ނެތެެވެ.
ފެންބޯ މިންވަރުވެސް އިތުރު ކުރާށެވެ. ފެނަކީ ބަރުދަން ލުއި ކުރުމަށް ވަރަށް ބޮޑު އެހީއެކެވެ. 

ދެން އޮތީ ޕްރޮޓީން ހިމެނޭ ކާނާ، ޑައިޓުގައި ހިމެނުމެވެ. ބިސް ހިމެނިދާނެއެވެ. މިއީ ބަރުދަން ލުއި ކުރަން އެހީތެރިވެދޭނެ އެއްޗެކެވެ.