އެކަނިވެރި ބެލެނިވެރިއެއް ކައިރީގައި މި ވާހަކަތައް ނުދައްކާތި

މައިންބަފައިންނަކީ ދަރީންދެކެ އިންތިހާއަށް ލޯބިވާ ބައެކެވެ. ކިތަންމެ ލޯބި ވީނަމަވެސް، އެއްވެސް މީހަކަށް ދަރިއަކު އެކަނި ބަލާކަށް ފަސޭހައެއް ނުވާނެއެވެ.

އެކަނި ދަރިއަކު ތަރުބިއްޔަތު ކުރުމަކީ، އެހާމެ ބުރަ، އަދި ވަރުބަލި ކުރުވާނެފަދަ ކަމެކެވެ. ދަރިފުޅުގެ ޒިންމާތައް އަދާކުރަމުން ދިރިއުޅުމުގެ އެހެން ކަންކަމަށް ވަގުތު ހުސްކުރުމަކީ އަނގައިން ބުނެލާހާ ފަސޭހައިން ކުރެވޭނެ ކަންކަމެއް ނޫނެވެ.

އަޅުގަނޑުމެންގެ ތެރޭގައިވެސް، ތަފާތު އެކި ސަބަބުތަކާއި ހުރެ، ކައިވެނި ރޫޅިގެން އެކަނިވެރި މައިންނާއި، ބަފައިންނަށް ވެފައި ތިބި މީހުން އުޅެއެވެ. އެފަދަ މީހުންނާއި ކޮށްގެން ނުވާނެ ސުވާލުތަކެއް، ނުވަތަ ދައްކައިގެން ނުވާނެ ވާހަކަތައް ހުރެއެވެ. މި ލިޔުމުގައި މި އަލިއަޅުވައިލަނީ މިފަދަ ބައެއް ވާހަކަތަކާއި، ސުވާލުތަކަށެވެ.

އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ތިމާގެ ރައްޓެއްސަކީ އެކަނިވެރި މަންމައެއް ނުވަތަ ބައްޕައެއްކަން އެނގޭ ހިސާބުން، އެއީ ކިހިނެއްވެގެންތޯ ސުވާލު ކުރަން ބޭނުންވިޔަސް، އެއީ ކުރުން އެންމެ ރަނގަޅު ސުވާލެއް ނޫނެވެ. ތިބާގެ ރަޙްމަތްތެރިޔާ އަކީ އޭނާގެ ވަކިވެފައިވާ ބައިވެރިޔާގެ ވާހަކަ ދައްކަން ބޭނުން ނުވާ މީހަކަށްވެސް ވެދާނެއެވެ. 

އެކަނިވެރި ބެލެނިވެރިއެއް ކައިރީގައި ދަރިފުޅުގެ މަންމަ ނުވަތަ ބައްޕަ ކޮބައިތޯ ނާހާށެވެ. ފަހަރުގައި ތިބާއަށް މިއީ އާދައިގެ ސުވާލަކަށް ވެދާނެއެވެ. އެހެންނަމަވެސް، އެކަނިވެރި ބެލެނިވެރިޔަކު މި ސުވާލުގެ ޖަވާބު ދޭން، ނުވަތަ އެ ވާހަކަ ދައްކަން ބޭނުން ނުވެދާނެއެވެ. އެވާހަކަ ދައްކަން ބޭނުންވާނަމަ، ތިބާ ކައިރީގައި އިސްވެ، އެވާހަކަތައް ކިޔައިދޭނެއެވެ.

ކުރިންވެސް ދެންނެވި ފަދައިން، ދަރިފުޅު ނުވަތަ ދަރީން ދެކެ އިންތިހާއަށް ލޯބި ވިޔަސް، އެކަނި ދަރިފުޅުގެ ޒިންމާތައް ކޮނޑުގައި އަޅައިގެން އުޅުމަކީ އެއްވެސް މީހަކަށް ލުއި ކަަމަކަށް ނުވާނެއެވެ. މިކަން ދަނެގެން، އެކަނިވެރި ބެލެނިވެރިއެއް ކައިރީގައި "ތިޔަ އުޅެނީ ވަަރަށް ހާލުގައިދޯއެވެ؟" މިފަދަ ބަސްތައް ނުބުނާށެވެ. މިފަދަ ބަސްތައް އިވޭ މީހަކަށް އަސަރުކޮށް، އިތުރަށް އެކަނިވެރިކަން އިހްސާސް ކުރެވިދާނެއެވެ.