އެމްޑީޕީން ގަބޫލުކުރި އަސާސްތައް ގެއްލިގެންދާހެން ހީވާތީ ބިރުގަނޭ: މީކާއީލް

ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ގަބޫލު ކުރަމުން އައި އަސާސްތައް ގެއްލިގެންދާހެން ހީވާތީ އެކަމާއި ބިރު ގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެެވެ.

ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާއި ހަވާލުކޮށްގެން ދިވެހިރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަ ބަލައި، ފިޔަވަޅު އަޅަން ޖެހޭ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ  މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ، އޭނާ ވަރަށް ކުޑައިރުންސުރެ އެމްޑީޕީއަށް ޝައުގުވެރިކަން ހުރި ކަމަށެވެ.

އެ ޝައުގުވެރިކަން އުފެދުނީ އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންގެ ބުރުސޫރަ ރީތިވެގެން ނޫން ކަމަށާއި، އެ ޝައުގު އުފެދުނީ އެ ޕާޓީން ގަބޫލު ކުރާ އަސާސްތަކާއި އުސޫލުތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.

"އެމްޑީޕީން އަބަދުވެސް ހިފަހައްޓަމުން އައި އަސާސްތަކާއި، އެމްޑީޕީން ހިފަހައްޓަމުން އައި އުސޫލުތަކާއި، އެމްޑީޕީ އެމްޑީޕީއަކަށްވާ ސަބަބު  އަޅުގަނޑަށް ކަމުދާތީ" މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ ބެލުމަށް އެންމެ ފުރަތަމަ އިސް ނެގީ، އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހުން ކަަމަށެވެ. އެހެންނަމަވެސް، ސަރުކާރެއްގެ ގޮތުގައި އެމައްސަލަ ބެލުމަށް ވަރަށް ބޮޑަށް ލަސްވެގެންދިޔަކަން ފާހަގަކުރައްވައި، އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން، ހިޔާނާތުގެ ތުހުމަތު ކުރެވުނު ފަހުންވެސް ހަތަރުމަސް ދުވަހު މަޤާމުގައި ހުންނެވިކަން މީކާއީލް ފާހަގަކުރެއްވިއެވެ.

އޭނާގެ ވާހަކައިގައި ވަނީ ޕްރޮސެކިއުޓަރ ޖެެނެރަލް ހުސައިން ޝަމީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި، ވެންޓިލޭޓަރުގެ މައްސަލައިގައި ޕީޖީ ވާހަކަ ދެއްކެވިކަން ފާހަގަކުރައްވައި، އެއީ މިނިވަން މުސްތަޤިއްލު މަޤާމެއްގައި ހުންނަވާ ބޭފުޅަކަށް ކުރެއްވޭނެ ކަމެއް ނޫންކަމަށް މީކާއީލް ވިދާޅުވިއެވެ.