މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް ރިޕޯޓް ކުރަން ފަށައިފި: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަަމަށް ލަފާ ކުރެވޭތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ، މޫސުން ގޯސްވުމާއިއެކު ކަނޑުމަތީގެ ހާދިސާތައް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް  ރިޕޯޓް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ، ފޭސްޓޫއާއި ދިމާލުން ތިން މީހުންނާއިއެކު ދަތުރުކުރި ތެޔޮ އުފުލާ ބޯޓެއް އަޑިޔަށްދާތީ، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެ ބޯޓުގައި ތިބި މީހުން ސަފާރީއަކަށް ނަގައިފައެވެ. 

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށާއި، ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފައިވާކަން ފާހަގަކޮށް އެމްއެންޑީއެފްއިން ވަނީ، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށްފަހުގައި ނޫނީ ކަނޑުމަތީގެ ދަތުރުތައް ނުކުރުމަށް އެދިފައެވެ. އަދި އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށްވެސް އެމްއެންޑީއެފްއިން އިލްތިމާސްކުރެއެވެ. 

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ، މިހާރު ކުރަމުން އަންނަ ވިއްސާރައިގައި  އެންމެ ބޮޑަށް ކަނޑު ގަދަވާނެކަމަށް ލަފާ ކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ. އެގޮތުން ވިލާގަނޑުގައި 30 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަަމަށް މެޓުން ބުނެއެެވެ.