އޭއެފްސީން ޑްރީމް ޓީމެއް ހޮވަނީ، އަނެއްކާވެސް ދަގަނޑޭއަށް ވޯޓު ދޭންވީ

އޭއެފްސީކަޕްގެ ޑްރީމް ޓީމެއް ހޮވުމަށްޓަކައި އޮންލައިން ވޯޓިން ޕޯލްއެއް ހުޅުވާލައި، އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ރާއްޖޭގެ އެންމެ މަޤްބޫލް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް(ދަގަނޑޭ) ހިމަނައިފިއެވެ.

އޭއެފްސީން ވަނީ އެންމެ މޮޅު ފޯވާޑުންގެ ގޮތުގައި 13 ކުޅުންތެރިޔަކު ޝޯޓްލިސްޓް ކޮށްފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ކުޅުންތެރިޔާ ސުނިލް ޗެތުރީވެސް ހިމެނެއެވެ. އޭއެފްސީގެ ވެބްސައިޓުގައި ވޯޓުލުން ކުރިއަށްދާއިރު، އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވޯޓު ލުމުގެ ފުރުސަތު އެބައޮތެވެ.

3-4-3 ފޯމޭޝަނަށް އެކުލަވައިލާ ޑްރީމް ޓީމަށް ތިން ފޯވާޑުން ހޮވާނެއެވެ. އެ ތިން ފޯވާޑުން ހޮވާނީ ލިސްޓުގައި ހިމެނޭ 13 ފޯވާޑުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ތިން ކުޅުންތެރިން ހިމަނައިގެންނެވެ. 

މި ވޯޓާއިއެކު އަޝްފާގަށް، އަދި ރާއްޖޭގެ ފުޓްބޯޅައަށް އަނެއްކާވެސް ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމުގެ ފުރުސަތު ލިބުނުއިރު، މީގެ ކުރިން އޭއެފްސީން އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ދީ، ބްރެކެޓް ޗެލެންޖެއް ބޭއްވިއިރު، އަޝްފާގް ވަނީ އެ ވޯޓު ކާމިޔާބުކޮށްފައެވެ. 

އަޝްފާގް އެންމެ ފުރަތަމަ އޭއެފްސީ ކަޕްގައި ބައިވެރިވީ އުމުރުން 18 އަހަރުގައެވެ.