މިއީ ވައްކަން ކުރާ ސަރުކާރެކޭ ބުނުމުގެ ޖާގައެއް ނެތް: ރޮޒައިނާ

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ގެނައުމަށް މަސަައްކަތް ކުރި ވެންޓިލޭޓަރުތަކުގެ މުއާމަލާތުގައި ސަރުކާރުން ވައްކަން ކޮށްފައިވާ ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެންޓިލޭޓަރުގެ ހިޔާނާތާއި ގުޅިގެން ދައުވާ ކުރަން ޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. ރޮޒައިނާ ވިދާޅުވީ ކޮންމެ ސަރުކާރެއްގައިވެސް އެކި މިނިސްޓްރީތަކުގައި ވައްކަން ކުރާ ބަޔަކު އުޅޭ ކަަމަށެވެ. 

ވެންޓިލޭޓަރުގެ މައްސަލަ ތަހުޤީޤު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދޭން ޖެހޭ އެއްބާރުލުން ސަރުކާރުން ދެމުން އަންނަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އިހުމާލު އެބައޮތް. އިހުމާލު ބަލަން ޖެހޭ. އިހުމާލުވި ބަޔަކާއި ދޭތެރޭ ފިޔަވަޅުވެސް އަޅަންޖެހޭ. ތަހުޤީޤު ފުރިހަމަ ނުވާކަމަށް ވާނަމަ، އަދިވެސް އިތުރަށް ކުރަންޖެހޭ މަސަައްކަތެއް ކޮށްގެން އެކުރަންޖެހޭ ކަންކަން ކުރަން ޖެހޭ. އެކަމަކު މި ސަރުކާރަކީ ވައްކަން ކުރާ ސަރުކާރެކޭ ބުނުމުގެ ޖާގައެއް ނެތް" އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި ރޮޒައިނާ ވިދާޅުވީ މި ސަރުކާރަށްވުރެ ބޮޑަށް މިފަދަ މައްސަލަތައް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ސަރުކާރެއް ނާންނަ ކަމަށެވެ. ސަރުކާރުން ގޯސްކޮށް ކަމެއް ކުރާ ކަމަށް ބަޔަކު ފާހަގަކޮށްފިނަމަ، އެކަމެެއް ބަލައި، ހައްލު ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރާ ކަމަށްވެސް ރޮޒައިނާ ވަނީ ފާހަގަކުރައްވައިފައެވެ. 

ރޮަޒައިނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުން މިނިވަން މުއައްސަސާތަކަށްވެސް އެއްވެސް ނުފޫޒެއް ނުފޯރުވައެވެ. 

ވެންޓިލޭޓަރުގެ ކޮރަޕްޝަން މައްސަލައިގައި މަޖިލީހުގައި މިއަދު ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވައްކަމުގެ ޓެގް އެޕާޓީއަށް ލިބުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، މަދު ބައެއްގެ ސަބަބުން އެމްޑީޕީ ބަދުނާމު ވުމުން ސަލާމަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.