ސައީދު އެމްޑީޕީއަށް: 11 އަހަރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ދިނުމުން ކުރެވުނީ ކޮންކަމެއް؟

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިފައި އޮންނަތާ 11 އަހަރުވީއިރު، މާލެއަށް ގެނެވުނީ ކޮން ބަދަލެއްތޯ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި، ހިޔާ މަޝްރޫއުއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްގީއާއި، ތަރިކައިގެ ކޮމެޓީއިން ތައްޔާރު ކުރި ރިޕޯޓަށް ބަހުސް ކުރައްވަމުން، ޕީއެންސީގެ ނާއިބު ރައީސް ސައީދު ވިދާޅުވީ، އިންތިޚާބެއް ކައިރިވެފައިވާތީ އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.

ސަރުކާރަށް އެންމެ ފްލެޓެއްވެސް އެޅިފައިނުވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، މިއަދު ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަމުންދާ ވާހަކަތައް ރައްޔިތުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

"ދިވެހިރާއްޖޭގައި އެއްވެސް ސަރުކާރަކުން(ބޯހިޔާވަހިކަމަށް) ނުކުރާހާ މަސައްކަތް ކުރީ ރައީސް ޔާމީންގެ ފަސް އަހަރު. ރައީސް ޔާމީން ނޫން ބޭފުޅަކު މިިކަމުގައި އެކަށީގެންވާ މަސައްކަތެއް ކުރައްވާފައެއް ނުވޭ" ސައީދު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމުގެ ވާހަކަ ދައްކާއިރު، ފާއިތުވި އަހަރުތަކުގައި ބޯހިޔާވަހިކަމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައަޅާފައިނުވާކަން ސައީދު ވަނީ ފާހަގަކުރައްވައިފައެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވެފައިވާއިރު، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުއިއްޒުއަށް، އެމްޑީޕީގެ މެމްބަރުން ހުތުުރު ބަސްތައް ރައްދު ކުރަމުންދާތީ ސައީދު ވިދާޅުވީ، އެކަން އެގޮތަށް ކުރިޔަސް މުއިއްޒު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. 

ސައީދު ވަނީ އެމްޑީޕީން ޤައުމު ބިނާ ކުރުމުގެ ވިސްނުމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، އެޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނީ އެކަން ކުރުމަށް ކަމަށް ވިދާޅުވެފައެވެ.