މަލީހު ވަކި ކުރިޔަސް އިންޓަރނެޓަށް ބަދަލެއް ނާދޭ: ރައީސް އޮފީސް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަޤާމުން ވަކި ކުރުމާއި ގުޅިގެން އިންޓަރނެޓަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، މަލީހު މަޤާމުން ވަކި ކުރި ފަހުން އަދި އިންޓަރނެޓަށް ބަދަލެއް ނާންނަ ކަަމަށެވެ.

"އިންޓަރނެޓްގެ ސްޕީޑާއި ގުޅޭގޮތުން، އަޅުގަނޑުމެން އެންމެ ފަހުން ދެއްކުނު ވާހަކަ އަކީ މިއަހަރު، ނޭޝަނަލް ރިކަވަރީ ޕްލޭންގެ ތާވަލަށް ބަލާއިރު، އިންޓަރނެޓްގެ ސްޕީޑާއި ގުޅޭގޮތުން މި އޮތް ކަމަކީ، ބަޖެޓް ކުރެވިފައި އެބައޮތް 1.5 މިލިއަން ރުފިޔާ. އެއީ ކެމްއަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި، އެކަމުގައި ރެގިއުލޭޓް ކުރުމަށް ބޭނުންވާ ކަންކަން ނިންމުމުގައި" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ، އިންޓަރނެޓްގެ ޚިދުމަތުގެ ކޮލިޓީ، މިހާރު ހުރި ކޮލިޓީއަށްވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމެވެ. އޭނާ ވިދާޅުވީ ޓެލެކޮމް އޮތޯރިޓީއިން ޓީއޯއާރްއެއް އެކުލަވައިލުމަށްފަހު މިކަމަށް ކޮންސަލްޓަންޓެއް އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަަމަށެވެ. 
 

"ސްޕީޑްގެ ކަންކަމުގައި މިއަހަރު ނިމުމުގެ ކުރިން ހައްލުތަކެއް ގެނެވޭނެ ކަމަށް ދެކިގެން މަސައްކަތް ކުރަނީ" މަބްރޫކް ވިދާޅުވިއެވެ. 

މިނިސްޓަރު މަލީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، ކޮމިއުނިކޭޝަން މިނިސްޓްރީއާއި މިހާރު ހަވާލުވެ ހުންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.