ހިޔާ މަޝްރޫއު: ދާއިމީ ލިސްޓަށް ބަދަލު އައުމަކީ ގާތްކަމެއް ކަމަށް ސަރުކާރުން ބުނެފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ދާއިމީ ލިސްޓަށް ބަދަލު އައުމަކީ ވަރަށް ގާތް ކަމެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުަޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހިޔާ ފްލެޓްގެ ދާއިމީ ލިސްޓަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށެވެ. 

"ޕްލޭނިން މިނިސްޓްރީން އެބަ ބަލާ ބައެއް ކަންތައްތައް. ވަކި މީހެއްގެ ގޯއްޗެއް އޮތްތޯ، އެފަދަ ކަންތައްތައް އެބަ ބަލާ" މަބްރޫކް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7000 ފްލެޓަށް އެދިފައިވާ މީހުންގެ ތެރެއިން، ފްލެޓް ލިބޭނެ މީހުންގެ ދާއިމީ ލިސްޓް އިއުލާނު ކުރީ މިއަހަރުގެ ފެބްރުއަރީމަހުގެ 9 ވަނަ ދުވަހުއެވެ. އެލިސްޓާއިމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ސަރުކާރުން ކުރިން ނިންމާފައި އޮތީ މިދިޔަ މަހު ފްލެޓްތައް ހަވާލު ކުރުމަށެވެ.

އެހެންނަމަވެސް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވިުމުގައި މަބްރޫކް ވިދާޅުވީ، އަންނަ މަހު ފްލެޓްތަކަށް ވަދެވޭވަރު ވާނެ ކަމަށެވެ.