ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާއިރު ވިސްނަންވީ ރައްޔިތުންގެ ފަޅީގައި ތިބި ބަޔަކު ހޮވުމަށް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒުގެ ކެމްޕެއިން ލަވައާއި، ވެބްސައިޓް އަދި ސްޓިކަރ ޕެކް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ވޯޓު ދޭއިރު، ވިސްނަންވީ ކެންޑިޑޭޓު ނިސްބަތްވާ ޕާޓީއަކަށް ނޫން ކަަމަށެެވެ. އެއަށްވުރެ މުހިންމީ، އިހްލާސްތެރިވާނެ ބަޔަކު އިސްކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ތިމާ ހުރި ޕާޓީން ނުކުމެ ހުރި ކެންޑިޑޭޓްތޯ ޚިޔާރު ކުރާނީ، ނޫންތޯ ޚިޔާރު ކުރާނީއެއް ނޫން ވިސްނަންވީ. އެންމެ ރަނގަޅަށް ނަތީޖާ ނެރެދެވޭނީ ކޮން ބަޔަކަށްތޯ ބަލަންވީ" މުއިއްޒު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އޮންނަ ދުވަހަކީ، ޤައުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ނިންމާނެ ދުވަސްކަން ފާހަގަކުރައްވައި ޑރ.މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭ އެތައް މައްސަލައެއް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިސްލާމް ދީނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިޤްތިސާދު މިވަނީ އަނދަވަޅަކަށް ވެއްޓި، ދެން ނަގައިގަންނަން އުނދަގޫވާ ހިސާބަށް ގޮސްފައި" މުއިއްޒު ވިދާޅުވިއެވެ.
ކޯވިޑް-19އާއި ގުޅިގެން، އެ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން މާލެ ސިޓީގެ ރައްޔިތުން އުޅެމުންދަނީ ކަރަންޓް ބިލާއި، ފެން ބިލުވެސް ނުދެއްކޭ ފަދަ، ނިކަމެތި ހާލަތެއްގައި ކަމަށް ޑރ.މުއިއްޒު ފާހަގަކުރެއްވިއެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ވާހަަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ސަރުކާރަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ޑރ.މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލީ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަށް ކަމަށެވެ.