ކޯވިޑްގެ ނުރައްކާ ބޮޑުވެ، ނައިފަރުގައި ވަރުގަދަ ފިޔަވަޅުތަކެއް

 

ކޯވިޑް-19 ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ޅ. ނައިފަރުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފިއެެވެ.

އެރަށުން މިހާތަަނަށް 89 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި 10 ބިދޭސީންވެސް ހިމެނެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނީ ކޮވިޑް ކޮންޓްރޯލްކުރުމަށް ހަތް ދުވަހަށް ހާއްސަ ފިޔަވަޅުތަކެއް އަޅާކަމަށެވެ. އެގޮތުން ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި ޢާންމު ތަންތަނަށް ނުކުމެ އުޅުން ވަނީ ހުއްޓުވާލައިފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓުމަކަށް ގެނެސްފައެވެ.

މީގެ އިތުރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އެއްގެއިން އަނެއް ގެއަށް ޒިޔާރާޔް ކުރުން ހުއްޓައިލުމާއި، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމުގެ އިތުރުން، ހޮޓާތަކާއި، ކެފޭ އަަދި ރެސްޓޯރެންޓް ފަދަ ތަންތަނުން ދޭ ޚިދުމަތްތައް ދިނުން ހުއްޓައިލުން ހިމެނެއެވެ.

އޭގެއިތުރުން ބޭންކުތައް ފަދަ ޢާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމަށްވެސް ވަނީ އަންގާފައެވެ. ރައްކައުތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށްވެސް އެޗްޕީއޭއިން އަންގާފައިވެއެވެ.