ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ ތިލަ މާލެ ބްރިޖު 2023 ވަނަ އަހަރުގެ ތެރޭގައި ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެއެވެ.
ރާއްޖެ ޓީވީއިން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު އަސްލަމް ވަނީ ތިލަ މާލެ ބްރިޖާއި ގުޅިފަޅުގައި ހަދާ ބަނދަރަކީ މި ސަރުކާރުގެ އެންމެ ބޮޑު ދެ މަޝްރޫއުގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ބްރިޖު އެޅުމަޑް ޝައުގުވެރިވާ ކުންފުނިތަކުން ބީލަން ހުށަހެޅުމަށް ކުރިން ފުރުސަތު ދީފައި އޮތީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ނަމަވެސް އެކަމަށް އިތުރު ދުވަސް ދީފައިވާއިރު، ޕްރީކޮލިފައި ކުރާ ޕާޓީތަކުން މިމަސް ނިމުމުގެ ކުރިން ބީލަންތައް ހުށަހަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބީލަންތައް ލިބުމާއެކު އިވެލުއޭޓް ކުރުމުގެ މަސައްކަތް ލަސް ނުކޮށް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތިލަ މާލެ ބްރިޖްގެ މަސައްކަތް މިއަަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައިވެއެވެ.