އަލީ ރަމީޒުގެ ތާއީދުވެސް ޑރ.މުއިއްޒުއަށް

މާލެ ސިޓީގެ މޭޔަރު ކަަމަށް އިންތިޚާބު ކުރުމަށް ޖަމިއްޔަތުއް ސަލަފުގެ މެމްބަރު، އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުވެސް ޑރ.މުޙައްމަދު މުއިއްޒުއަށް ތާއީދު ކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙްމަދު ލަތީފެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އަލީ ރަމީޒުވެސް ތާއީދު ކުރައްވަނީ މުއިއްޒު ކަމަށެވެ.

އެގޮތުން މުއިއްޒުއަށް ވޯޓު ދޭން ރަނގަޅު ކަމަށް އަލީ ރަމީޒު ވިދާޅުވެފައިވާ މެސެޖެެއްގެ ސްކްރީންޝޮޓްވެސް ސެންބެ ވަނީ ހިއްސާ ކުރައްވައިފައެވެ. ސެންބެގެ މި ޓްވީޓް، އަލީ ރަމީޒު ވަނީ ރީޓްވީޓްވެސް ކުރައްވައިފައެވެ.

އެތައް ދިވެހީންގެ ލޯބި ހޯދާފައިވާ އަލީ ރަމީޒު ޑރ.މުއިއްޒުއަށް ތާއީދު ކުރާކަން ހާމަކުރެއްވިއިރު، ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގުވެސް ވަނީ މުއިއްޒުއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.