ސަރުކާރު ހުޅުވާފައި ހުރުމެކޭ، ލައްޕާފައި ހުރުމެކޭ ތަފާތެއް ނެތް: މަލީހު

ސަރުކާރު ހުޅުވާފައި ހުރުމެކޭ، ލައްޕާފައި ހުރުމެކޭ އެއްވެސް ތަފާތެއް ނެތް ކަަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެެވެ.

އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ގުޅިގެން، އަންނަ ހަފްތާގެ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން މަލީހު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އުޅުއްވަނީ ފިއްލަވައިގެން ކަމަށާއި، ސަރުކާރު ހުޅުވާފައި ހުރުމެކޭ، ލައްޕާފައި ހުރުމެކޭ އެއްވެސް ތަފާތެއް ނެތް ކަަމަށެވެ.

"ރައްޔިތުންނަށް ހަމަ އެއްތާކު. ރައީސް ފިއްލަވައިގެން. ނައިބު ރައީސް ނުފެނޭ. ސަރުކާރު ހުއްޓިފައި" ،މަލީހުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ، "އެލެކްސް" އުޅުއްވަނީ މުޅި ދައުލަތަކީ ތިމަން ކަމަށް ދެކިގެން ކަަމަށެވެ. އެލެކްސްގެ ނަން ބޭނުންކުރައްވައި މަލީހު އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމުގައި ބެލެވެއެވެ. "އެލެކްސް އަހުމަދު" އެއީ ރައީސް ނަޝީދު ގެންގުޅުއްވާ ނުރަސްމީ ޓްވިޓަރ އެކައުންޓް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މަލީހުގެ ޓްވީޓުގައި އެމްޑީޕީ ފެއިލްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި، ވަޒީރުކަމުގައި ހުންނެވި މަލީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުން އޭނާ މަޤާމުން ވަކި ކުރީ މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. މަލީހު މަޤާމުން ވަކި ކުރަން ފެންނަ ކަމަށް 59 މެމްބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ވަޒީރުކަމުން ވަކި ކުރުމާއެކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މަލީހު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް އޭނާ ރަސްމީކޮށް އިދިކޮޅާއި ގުޅިވަޑައިގެންފައެއް ނުވެއެވެ.