ނެދަލެންޑުގައިވެސް އެސްޓްރަޒެނެކާ ވެކްސިން ދިނުން މެދުކަނޑާލައިފި

ލޭގަނޑުވުމުގެ މައްސަލަތަކެއް ދިމާވެ، ނެދަލެންޑުގައި އޮކްސްފޯޑް-އެސްޓްރަޒެކެނާ ކޯވިޑް-19 ވެކްސިން ދިނުން މެދުކަނޑާލައިފިއެވެ.

އެގައުމުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ، ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ލޭގަނޑުވުމުގެ ނުވަަތަ "ބްލަޑް ކޮޓް" ވުމުގެ މައްސަލަ، އެގައުމުގައި ވެކްސިން ޖެހި ފަސްމީހަކަށް ވަނީ ދިމާވެފައެވެ. މިއީ ވެކްސިންގެ ސަބަބުން ދިމާވި ކަމެއްތޯ ބެލުމަށް މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވެކްސިން ޖެހުން މެދުކަނޑައިލުމަށް ވަނީ ނިންމައިފައެވެ.

ނެދަލެންޑުގައި ކުރިއަށް އޮތް ދުވަސްތަކުގައި އުމުރުން 60 އަހަރުންމަތީގެ 700އެއްހާ މީހުންނަށް އެސްޓްރަޒެނެކާ ވެކްސިން ދިނުމަށް އޮތީ ނިންމައިފައެވެ. އެހެންނަމަވެސް އެ އެޕޮއިންޓްމަންޓްތައް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

ނެދަލެންޑްގެ އިތުރުން، ޖަރުމަނުވިލާތުގައިވެސް އެސްޓްރަޒެނެކާ ވެކްސިން ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފައެވެ. ބްލަޑް ކްލޮޓްގެ މައްސަލަތަކެއް ފެންމަތިވެ، އެގައުމުން ނިންމީ އުމުރުން 60 އަަަހަރުން ދަށުގެ މީހުންނަށް ވެކްސިން ދިނުން އިހަށް މަޑު ޖައްސާލުމަށެވެ.

ނެދަލެންޑްގައި ވެކްސިންގެ އަލާމާތްތައް މޮނިޓަރ ކުރަމުން އަންނަ ޑަޗް އޯގަނައިޒޭޝަނުން ބުނީ، ވެކްސިން ޖެހި މީހުންގެ ތެރެއިން ބްލަޑް ކްލޮޓްގެ މައްސަލަ ދިމާވި ފަސް މީހަކު، ލޭގައި ހުންނަ ޕެލެޓް ދަށްވެގެން އެމައްސަލަ ރިޕޯޓް ކުރި ކަމަށެވެ. 

ޑީޕީއޭ ނިއުންއިން ބުނީ އެފަސްމީހުންގެ ތެރެއިން އެކަކު މަރުވި ކަމަށެވެ. މި ހުރިހާ ކޭސްތަކެއް ފެންމަތިވީ ވެކްސިން ޖަހަން ފެށިތާ ހަތް ދުވަހުގެ ތެރޭގައެވެ. އަދި މި މައްސަލަތައް ދިމާވީ، އުމުރުން 25 އަހަރާއި 60 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ.

ތަހުލީލު ކުރާ ފަރާތްތަކުން ދަނީ، މި މައްސަލަތައް ދިމާވީ ވެކްސިންގެ ސަބަބުންތޯ ބެލުމަށް މަސައްކަތް ކުރަމުންނެެވެ.

ނެދަލެންޑްގައި އެސްޓްރަޒެނެކާ ވެކްސިން ޖެހި ފަސް މީހަކަށް ލޭގަނޑުވުމުގެ މައްސަލަ ދިމާވިއިރު، މި މައްސަލަ ދިމާވި މުއްދަތުގެ ތެރޭގައި އެގައުމުގެ 400،000 މީހުން ވަނީ ވެކްސިން ޖަހައިފައެވެ.