އުމުރުފުޅުން 83 އަހަރު ވަންދެން ވެރިކަން ކުރެއްވޭނެފަދަ ބިލެއް ޕޫޓިން ތަސްދީގު ކުރައްވައިފި

 

އުމުރުފުޅުން 83 އަހަރުވާންދެން ރަޝިއާގެ ރައީސްކަން ކުރެއްވުމުގެ ފުރުސަތު ލިބިގެންދާނެ ބިލެއް، ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިން ތަސްދީގު ކުރައްވައިފިއެވެެ.
 

ރަޝިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އިތުރު ދެ ދައުރު ވެރިކަން ކުރެއްވޭ ގޮތަށް ފަރުމާކޮށްފައިވާ ބިލު، އުމުރުފުޅުން 68 އަހަރުގެ ޕޫޓިން ތަސްދީގު ކުރެއްވީ ހޯމަ ދުވަހުއެވެ.
 

ޤާނޫނު އަސާސީއަށް ގެނައި ބަދަލާއެކު، 2036 ވަނަ އަހަރާ ހަމައަށް ޕޫޓިންއަށް ރަޝިއާގެ ވެރިކަމުގައި ހުންނެވޭނެއެވެ. އެ ޤާނޫނުގައި ކުރިން އޮތް ގޮތުންނަމަ، އެމަނިކުފާނަށް ވެރިކަން ކުރެއްވޭނީ 2024 ވަނަ އަހަރުގެ ނިޔަަަލަށެވެ.
 

ޕޫޓިން މިހާރު ފުރުއްވަމުން ގެންދަވަނީ ޖެހިޖެހިގެން ފުރުއްވާ ދެވަނަ ދައުރެވެ. އަދި ރަޝިއާގެ ރައީސްގެ ގޮތުގައި ފުރުއްވާ ހަތަރުވަނަ ދައުރެވެ.
 

އަލަށް ތަސްދީގު ކުރި ބިލާއެކު ޕޫޓިންއަށް އިތުރު ދެ ދައުރު ވެރިކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާއިރު، މީގެ ކުރިން އެމަނިކުފާނު ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއިމެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ވިދާޅުވެފައެވެ.