މަލްހާގެ ކޯވިޑް ތަޖުރިބާ ވަަރަށް ހިތި، އެދެނީ އެންމެން ވެކްސިން ޖެހުމަށް

ކޯވިޑް19 އަކީ އާދައިގެ ރޯގާއެއް ފަދަ ބައްޔެއްގެ ގޮތުގައި ގިނަ ބަޔަކަށް ހީކުރެވިފައިވެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިބަލި ޖެހޭ މީހުންގެ ބޮޑު އިންސައްތައެއް ބަލިން ފަސޭހަވެއެވެ.

ރާއްޖޭގައިވެސް ހަލުވި ކަމާއެކު ކޯވިޑް ފެތުރެމުން އަންނައިރު، ބަލިން ރަނގަޅުވާ މީހުންގެ އަދަދު ގިނައެވެ. އެހެންނަމަވެސް ހަގީގަތަކީ މިބަލި ޖެހިގެން ހާލު ސީރިއަސްވެސް ވާކަމެވެ.

 

ގިނަ މީހުންނަށް ހީކުރެވިފައި އޮންނަ ގޮތުގައި ކޯވިޑް ބަލީގައި ހާލު ސީރިއަސް ވަނީ އުމުރުން ދުވަސްވީ މީހުން އެކަންޏެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ވަރަށް ޒުވާން އުމުރުފުރައިގެ މީހުންވެސް ކޯވިޑްގެ ޝިކާރައަކަށްވެ، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަން ޖެހިފައި އެބަހުއްޓެވެ.

ހަކުރުބައްޔާއި ކެންސަރު ފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަކީވެސް ކޯވިޑް ޖެހިއްޖެނަމަ ހާލު ސީރިއަސްވާ މީހުންނެވެ.

ކެންސަރާ ހަނގުރާމަ ކުރަމުންދާ މަލްހާ ވަނީ އޭނާއަށް ކުރެވުނު ކޯވިޑްގެ ތަޖުރިބާ ހިއްސާކޮށް، މިބަލީގެ ސީރިއަސްކަން ހާމަކޮށްދީފައެވެ. އުމުރުން އެންމެ 19 އަހަރުން ފެށިގެން ކެންސަރާ ހަނގުރާމަ ކުރަމުން އައި މަލްހާއަށް ކުރެވުނު ހިތި ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުނީ ކޯވިޑް ޖެހުމުން، ހަށިގަނޑުގައި ކެންސަރު އިތުރަށް ފެތުރިގެން ދިޔަ ކަމަށެވެ.

އަދި އޭނާއަށް ދެވަނަ ފަހަރު ކެންސަރު ޖެހިއްޖެނަމަ، ސަލާމަތް ނުވާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށްވެސް މަލްހާ ވަނީ ކިޔައިދީފައެވެ.

މަލްހާ ވަނީ ކޯވިޑްގެ ސީރިއަސްކަން ގަބޫލުކޮށް، ވެކްސިން ޖެހުމަށް އެންމެންނަށް އިލްތިމާސްކޮށްފައެވެ.